އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ ކެމްޕެއިނަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ”ބޮޑު ބަދަލު“ ގެ ނަމުގައި އެމަނިކުފާނު ކުރިއަށްގެންދަވާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
މި ކެމްޕެއިންގެ ދަށުން ބާއްވާ ހާއްސަ ބައްދަލުވުން އޮންނާނީ މިރޭ ސްރީލަންކާގެ ދެހިވަލައިގައި، ރާއްޖެ ގަޑިން 20:00 އިން 22:00 އަށެވެ. ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުގެ ފަރާތުން ވަނީ ލަންކާގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިން މި ބައްދަލުވުމުގައި ބައިވެރިވުމަށް އެދިފައެވެ.
ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ. އެހެންކަމުން މިއީ އިންތިޚާބުގެ ކެމްޕެއިނަށް މުހިންމު މަންޒިލެއްގެ ގޮތުގައި ބެލެވެއެވެ.
”ބޮޑު ބަދަލު“ ގެ ނަމުގައި ރައީސް ނަޝީދު ފެއްޓެވި މި ކެމްޕެއިން ހަރަކާތްތައް މިދިޔަ މަހުގެ 19 ވަނަ ދުވަހު އިއުލާންކުރި ފަހުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ ބާއްވާފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ އާއި ހއ. ދިއްދޫގައި ބޭއްވި ބޮޑެތި ޖަލްސާތައް ފާހަގަކޮށްލެވެއެވެ.
ޖޫން 12 ގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ތިން ބޭފުޅަކު ވާދަކުރައްވައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި އިބްރާހީމް މުހައްމަދު (ވާޑު) އެވެ.

