ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މާލެ ސަރަހައްދުން މިހާރު ލިބިފައި ހުރި ބިންތަކުގައި އެޅޭނީ 10،700 ހައުސިން ޔުނިޓު ކަމަށާއި، އިތުރު ޔުނިޓުތައް އެޅުމަށް ބޭނުންވާ ބިން ހޯދުމަށް އެޗްޑީސީއާ ވާހަކަދައްކަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި ހުރި ގޮތުން ބޭރުގެ އެހީ އާއި ބޭރު ފައިސާ ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ތަފާތު ”އިނޮވޭޓިވް“ އުކުޅުތައް ބޭނުންކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މާލޭ ސަރަހައްދުގައި ޖުމްލަ 12،000 ހައުސިން ޔުނިޓު އެޅޭނެ ކަމަށް މީގެ ކުރިން ލަފާކޮށްފައި ވީނަމަވެސް، މިވަގުތު މިނިސްޓްރީގެ އަތުގައި ހުރި ބިންތަކުން އެޅެން އޮތީ 10،700 ޔުނިޓު ކަމަށް މުއްތޮލިބު ވިދާޅުވި އެވެ. މީގެ ތެރެއިން 3،260 ޔުނިޓުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
”ހަގީގަތުގައި އިތުރަށް އިމާރާތްކުރުމަށް ބިންތަކެއް [ހައުސިން] މިނިސްޓްރީއަކަށް މިވަގުތު ލިބިފައެއް ނެތް. އެހެން ނަމަވެސް މިނިސްޓްރީން އެބަ މަސައްކަތްކުރަން އެޗްޑީސީއާ ވާހަކަދައްކައިގެން އެހެން ކަންކަމަށް ކަނޑައަޅާފައި ހުރި ބިންތަކުން ވެސް ހައުސިންއަށް އިތުރު ބިންތަކެއް ލިބޭތޯ،“ މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މާލޭގައި ހުރި ބިންތަކުގެ ތެރެއިން ވެސް ބޯހިޔާވަހިކަމަށް ބޭނުންކުރެވޭނެ ބިންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު މުއްތޮލިބު ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއިން މިހާރު ކުރިއަށްދާ މަސައްކަތްތައް ހިއްސާކުރައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ބީއެމްއެލް މެދުވެރިކޮށް އިމާރާތްކުރާ 4،000 ޔުނިޓުގެ މަސައްކަތް ފެށުން
- ދިވެހި ކޮންޓްރެކްޓަރުން މެދުވެރިކޮށް 2،000 ޔުނިޓު އެޅުމަށް ލިބިފައިވާ ހުށަހެޅުންތައް
- ޗައިނާގެ އެހީގައި 500 ޔުނިޓު އަދި ސައުދީ ފަންޑުގެ އެހީގައި 400 ޔުނިޓު އެޅުން
- އިންޑިއަން އެލްއޯސީގެ އެހީގައި ގުޅީފަޅުގައި 4،000 ޔުނިޓު އެޅުމުގެ އިދާރީ މަސައްކަތް ނިމުން
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދައުލަތުން ހިލޭ ބިމާއި ބައެއް ލުއިތައް ދީގެން، ކޮންޓްރޯލް އަގުތަކެއްގައި ފްލެޓް ވިއްކުމަށް އަމިއްލަ ކުންފުނިތަކުގެ ބޮޑު ޝައުގުވެރިކަމެއް އެބަހުރި ކަމަށާއި، އެކަމަށް މަގުފަހިކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

