ނަރުހުންނަކީ ދެމެހެއްޓެނިވި ޞިއްޙީ ފަރުވާގެ ނިޒާމުގެ ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވީ، ނަރުހުންނަކީ ބަލި މީހުންނަށް ފަރުވާ ދިނުމާއި ބަލިން ރައްކާތެރި އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި ދުނިޔެއަށް ދިމާވާ ގޮންޖެހުންތައް އިތުރުވަމުން އަންނައިރު، ނަރުހުންގެ ދައުރު ކުރިއަށްވުރެ މުހިންމުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މި ސަރުކާރުން ދެމިއޮންނާނީ ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކޮށްދިނުމުގައެވެ. މަސައްކަތުގެ މާޙައުލާއި އިނާޔަތްތައް ރަނގަޅުކުރުމަށާއި، ސިޔާސަތުތައް ވަރުގަދަކޮށް، ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އަޅުގަނޑުމެން އިސްކަންދޭނަން،“ ރައީސް ވިދާޅުވިއެވެ.
ނަރުހުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދީ، އެ ދާއިރާގައި މަސައްކަތް ކުރާ ވަކިވަކި ނަރުހުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ނަރުހުންނަކީ މުޅި ޞިއްޙީ ނިޒާމުގެ ބިންގާ ކަމަށެވެ.
މީގެ އިތުރުން، މަސައްކަތުގެ މާހައުލު ރަނގަޅުކޮށް، ލިބޭ އިނާޢަތްތައް އިތުރުކުރުމާއި ސިޔާސަތުތައް ހަރުދަނާކޮށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ހަރުދަނާ ޞިއްޙީ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމަށް ނަރުހުން ކޮށްދެއްވާ އަގުހުރި ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ. ކޮންމެ އަހަރެއްގެ މޭ މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހެވެ.

