ރާއްޖޭގެ ކޯޓުތަކުން ނިންމާ ނިންމުންތައް ނިންމަނީ ގާނޫނުއަސާސީއާއި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްވެސް ނުފޫޒެއް ނެތި ކަމަށާއި، އެހެންކަމުން ކޯޓުތަކުން ނިންމާ ނިންމުންތަކަށް ގޮންޖަހައި ނުހެދޭނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސައިބަރ ސެކިއުރިޓީ ބިލަށް ބަހުސް ކުރައްވަމުން ހުސްނީ ވިދާޅުވީ، ބައެއް ފަރާތްތަކުން ކޯޓުތަކުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ތުހުމަތު ކުރި ނަމަވެސް، ފަނޑިޔާރުން އަމަލުކުރައްވަނީ ގާނޫނުއަސާސީއާއި އަމަލުކުރެވެމުންދާ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.
”މައްސަލަތައް ހައްލުކުރުމަށް އެންމެ ފަހު މަރުހަލާގެ ގޮތުން ކޯޓުތަކަށް ހުށަހެޅުމުން، ފަނޑިޔާރުން ގާނޫނީ ނިންމުންތައް ނިންމަވަނީ ވަކި ފަރާތަކަށް ނުޖެހި،“ ހުސްނީ ވިދާޅުވިއެވެ.
ކޯޓުތަކުގެ ނިންމުންތަކަކީ ސިޔާސީ ނުފޫޒުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ސިފަކުރުމަކީ އިންސާފެއް ނޫން ކަމަށް ފާހަގަކުރައްވަމުން ހުސްނީ ވިދާޅުވީ، ގައުމުގައި ނިޒާމުތައް ހަމަޖެހި، ޒިންމާދާރުކަން ދެމެހެއްޓުމަށްޓަކައި ގާނޫނުތަކާއި ބިލުތަކަކީ ކޮންމެހެން މުހިންމު ވަސީލަތްތަކެއް ކަމަށެވެ.
ސައިބަރ ސެކިއުރިޓީ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހުސްނީ ވިދާޅުވީ، ރާއްޖޭގެ ޑިޖިޓަލް މާހައުލު ދުވަހުން ދުވަހަށް ފުޅާވަމުން އަންނައިރު، އެ މާހައުލު ރައްކާތެރިކުރުމަށްޓަކައި އެކަށީގެންވާ ނިޒާމުތަކާއި އުސޫލުތައް ގާއިމުކުރުމަކީ މިވަގުތަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. މި ބިލުގެ ސަބަބުން ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރެވި، ޚިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބޯޑަރު ހުރަސްކޮށް ކުރިމަތިވާ ސައިބަރ ނުރައްކާތަކަށް ތައްޔާރުވެ، އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ހުސްނީ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ގައުމެއް ހަމަ މަގުން ހިންގުމަށްޓަކައި ގާނޫނުތަކާއި، އުސޫލުތަކުގެ އިތުރުން ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ދެވޭނެ އަދަބުތައް ކަނޑައެޅިފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ހުސްނީ ވިދާޅުވީ މި ބިލަކީ ޒިންމާދާރުކަން އިތުރުކޮށް، ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ބިލެއް ކަމަށެވެ.

