ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް އެކުގައި ނިކުންނަވާ ޤައުމު ސަލާމަތްކުރާ ވާހަކަ ދައްކަވާއިރު، އެ ބޭފުޅުންނަކީ އެކަކު އަނެކަކާ މެދު ކިހާ ގާތް ގުޅުމެއް ބޭއްވި ބޭފުޅުންތޯ ރައްޔިތުން ވިސްނަންޖެހޭ ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ”ޕްރެސް ވިތު ދަ ސްޕޯކްސް“ ނޫސްވެރިންގެ ބައްދަލުވުމުގައި، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން މުންދު ވިދާޅުވީ، މި ތިން ރައީސުންނަކީ މީގެ ކުރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކު ހައްޔަރުކުރައްވާފައިވާ ބޭފުޅުން ކަމަށެވެ. އަދި ކޮންމެ ރައީސަކީ ވެސް އަނެއް ރައީސެއްގެ ”މެއިން ރައިވަލް“ ނުވަތަ އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައި މީގެ ކުރިން ސިފަކުރައްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
”މިތިން ރައީސުންނަކީ އެއް ބޭފުޅަކު އަނެއް ބޭފުޅަކު ހައްޔަރުކުރެއްވި ބޭފުޅުން، ކޮންމެ ބޭފުޅަކީ އަނެއް ބޭފުޅެއްގެ ’މެއިން ރައިވަލް‘ ގެ ގޮތުގައި މީގެ ކުރިން އެބޭފުޅުން ސިފަކުރައްވާފައިވާ ބޭފުޅުން،“ މުންދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ބޭފުޅުންގެ ވެރިކަމުގެ ޕާފޯމަންސާއި ރައްޔިތުން އެ ބޭފުޅުންނަށް ދެއްވި ސްކޯއާ މެދު ވިސްނާލުން މުހިންމު ކަމަށާއި، އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވުނުތޯ ސުވާލު އުފެއްދެވިއެވެ.
ކުރީގެ ތިން ރައީސުން ވެރިކަން ކުރެއްވި ގޮތް ރައްޔިތުންގެ ހަނދާނުގައި ހުންނާނެ ކަމަށް ވިދާޅުވަމުން މުންދު ފާހަގަކުރެއްވީ، އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް ޞާލިޙްގެ ވެރިކަމުގެ ރަނގަޅު އަދި ނުރަނގަޅު ކަންކަން މިނެކިރަން އަދުގެ ޒުވާނުންނަށް ވެސް އެނގޭނެ ކަމަށެވެ. އަދި ސިޔާސީ އެކި ބޭފުޅުން ކުއްލިއަކަށް ”ހޮރުހޮރުން“ ނިކުންނަވައި ސަރުކާރަށް ބަސް ވިދާޅުވަމުންދާ ތަން ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން ހުރިހާ ސިޔާސީ ބޭފުޅުންނަށް ވެސް މަރުހަބާ ކިޔާ ކަމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުއިއްޒުއާ ވާދަކުރައްވަން ގިނަ ބޭފުޅުން ނިކުންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މުންދު ވިދާޅުވިއެވެ. ފައްޔާޒް އިސްމާޢީލް ދާދިފަހުން ވަނީ ތަފާތު ވިސްނުންތައް އެއްފަރާތްކޮށް، ތިން ރައީސުން އެކުގައި ނިކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށް ގޮވާލައްވާފައެވެ.

