މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 50.7 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.7 އިންސައްތައިގެ ކުރިއެރުމެކެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 46.6 މިލިޔަން ރުފިޔާއެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޒަކާތުގެ ފައިސާ ލިބިފައިވަނީ މާރޗް މަހުގެ ތެރޭގައެވެ. އެ މަހު 27.4 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ފެބުރުވަރީ މަހު 11.8 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން ޖެނުއަރީ މަހު 6.05 މިލިޔަން ރުފިޔާ އަދި އޭޕްރިލް މަހު 5.4 މިލިޔަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ.
ރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ”މޯލްޑިވްސް ޒަކާތު ހައުސް“ ގެ ނަމުގައި ވަކި އިދާރާއެއް ވަނީ އުފައްދާފައެވެ. މި އިދާރާގެ މައިގަނޑު މަގްސަދަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ހަރުދަނާ އުސޫލެއްގެ ދަށުން އިންވެސްޓްކޮށް، އޭގެ މަންފާ މުޖުތަމައުގެ ފަގީރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ޒަކާތުގެ ނިޒާމު ޒަމާނީ ކުރުމުގެ ގޮތުން އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމު މިހާރު ވަނީ މުޅި ރާއްޖެއަށް ހުޅުވާލާފައެވެ. މީގެ އިތުރުން ޒަކާތު ހައުސް މެދުވެރިކޮށް ބަލިމީހުންނަށް އެހީވުމާއި، ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޝްރޫއުތައް ވެސް ދަނީ ފުޅާކުރަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ދަނީ ޒަކާތުގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ފަރާތްތަކުގެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ޒަކާތުގެ ނިޒާމުގެ ތެރެއިން މުޖުތަމައުގައި ތިބި ނިކަމެތިން ބާރުވެރިކުރުވައި، ރާއްޖެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރުމެވެ.

