ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް އިޓަލީގެ ފަތުރުވެރިންތަކެއް ގެއްލުނު ހާދިސާގެ ފުރިހަމަ ތަހުގީގެއް އަވަސް މުއްދަތެއްގެ ތެރޭގައި ހިންގުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގޮވާލައިފި ެއެވެ.
ވ. އަތޮޅު އަލިމަތާ ކައިރީގައި ފީނަން އުޅުނު އިޓަލީގެ ފަސް ފަތުރުވެރިން ގެއްލިގެން ހޯދަމުން ދަނިކޮށް، އެކަކު މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ. އަދި ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިޔަށްދާއިރު، ފަތުރުވެރިން ގެއްލުނު ހާދިސާ ބައިނަލްއަޤުވާމީ މީޑިއާތަކުން ވެސް ދަނީ ގާތުން ބަލަމުންނެވެ.
ހާދިސާގައި ގެއްލުނު ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް، އޮޕަރޭޝަން ޓީމުގައި ހިމެނޭ އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު މުހައްމަދު މަހުދީ ހާލު ދެރަވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވެފަ އެވެ.
ހާދިސާއާއި ގުޅޭގޮތުން ބޯޓިން އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި މަގުބޫލު ޑައިވިން މަންޒިލަކަށްވާއިރު، މިފަދަ ހާދިސާތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ކަނޑުދަތުރުފަތުރުގެ ސިނާއަތަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން، ސަލާމަތީ މިންގަނޑުތައް އެންމެ މަތީ ދަރަޖައެއްގައި ހިފެހެއްޓުމަކީ ކޮންމެހެން މުހިންމުމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެފަ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ތަހުގީގު ފުރިހަމަވުމުގެ ކުރިން މުޅި ސިނާއަތް ބަދުނާމުވާ ފަދަ އަމަލުތައް ނުހިންގުމަށާއި، ވަކި ފަރާތްތަކަކާ މެދު ފިޔަވަޅު އެޅުމުގެ ކުރިން ހާދިސާ ހިނގި ގޮތުގެ ސާފު މައުލޫމާތު ހޯދުމަށް ކަމާގުޅޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ. އަދި ތަހުގީގަށް ފަހު އެއްވެސް ފަރާތަކުން އިހުމާލުވިކަމަށް ފާހަގަވެއްޖެ ނަމަ، އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، ޓެކްނިކަލް ޑައިވިން ފަދަ ނުރައްކާތެރި ހަރަކާތްތައް ހިންގުމުގައި ދުނިޔޭގެ އެންމެ ރައްކާތެރި އުސޫލުތަކަށް ބަލައި، ހަރުދަނާ ގަވައިދެއްގެ ދަށުން އެކަންކަން މޮނީޓަރު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް ވެސް ބޯޓިން އެސޯސިއޭޝަނުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނަށް ބޭރުގެ ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން، މާދަމާގެ ވަގުތެއްގައި ބޭރުގެ ތަޖުރިބާކާރުން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

