ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކަށް އަލަށް އިންތިޚާބުވި މެންބަރުން ހުވައިކޮށް މަގާމާ ހަވާލުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުވި މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވައިފިއެވެ.

ގިނަ ރަށްރަށުގައި މި ރަސްމިއްޔާތުތައް މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވާއިރު، ބައެއް ސިޓީތަކާއި ރަށްރަށުގައި ހުވާކުރުމުގެ ރަސްމިއްޔާތުތައް މިއަދުގެ އެކި ގަޑިތަކުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކުރި ގޮތުގައި، މިއަދު ހެނދުނު 9:00 ޖެހިއިރު ރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތައް އެއްވަގުތެއްގައި ކުރިއަށް ގެންދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ކައުންސިލަރުންނަށް ހުވާލައިދެއްވީ އެ ރަށަކަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރު ނުވަތަ ޤާޟީއެކެވެ. މި އުސޫލުގެ ދަށުން ރާއްޖޭގެ 5 ސިޓީ ކައުންސިލްގެ މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުންވެސް ކުރިއަދިޔައެވެ.

މިފަހަރުގެ އިންތިޚާބުގައި ސިޓީތަކާއި ރަށު ކައުންސިލްތަކަށް ޖުމްލަ 678 ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭއިރު، އޭގެ ތެރެއިން 677 ކައުންސިލަރުން ވަނީ އިންތިޚާބުކޮށްފައެވެ.

އެލްޖީއޭއިން މައުލޫމާތު ދިން ގޮތުގައި މިއަދު ޖުމްލަ 676 ކައުންސިލަރުން ވަނީ މަގާމުގެ ހުވާކޮށްފައެވެ. އަދި މިއަދު ހުވާނުކުރާ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމު ފަހުގެ ތާރީޚެއްގައި ހަމަޖައްސާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުވި 673 މެންބަރުންގެ ތެރެއިން 662 މެންބަރުން ވަނީ މިއަދު އިޤްރާރުގައި ސޮއިކޮށްފައެވެ.

އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރުމަށްފަހު، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވާނެއެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ހަމައެއާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް އެލްޖީއޭއިން ފާހަގަކުރެއެވެ. މި ކޮމިޓީތަކުގެ ރައީސްގެ މަޤާމަކީ ފުލްޓައިމް މަޤާމެކެވެ.

މިއަދު މަސައްކަތް ފަށާ އައު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަކީ މި ނިޒާމުގެ މުހިންމު މަޤްޞަދެއް ކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ ކައުންސިލަރުން ހުވާކޮށްފައިވަނީ 2011 ވަނަ އަހަރުގެ ފެބުރުއަރީ 26 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: