މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އެތެރޭގެ ޕްރައިމަރީ މީކާއިލް މުޙައްމަދު ރިޔާޒް ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ބޭއްވި މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މީކާއިލް މި އިންތިޚާބު ކާމިޔާބު ކުރެއްވީ 7 ވޯޓު ހޯއްދަވައިގެންނެވެ.
މި ޕްރައިމަރީގައި މީކާއިލްގެ އިތުރުން ޖުމްލަ 3 ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ އާއި، މާފަންނު މެދު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ޙަނާގެ އިތުރުން ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ޒަހިއްޔާއެވެ.
އިންތިޚާބުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓުގެ އަދަދުތަކަށް ބަލާއިރު، ޢާއިޝަތު ޙަނާ އަދި ފާޠިމަތު ޒަހިއްޔާ، މިއިން ކޮންމެ ބޭފުޅަކަށް ލިބިވަޑައިގަތީ 5 ވޯޓެވެ. އަދި މުޙައްމަދު ރިޟްވާން ޢަލީ އަށް ލިބިވަޑައިގަތީ 2 ވޯޓެވެ.
މި ޕްރައިމަރީ ބާއްވާފައިވަނީ ކުރިއަށް އޮތް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުމުގެ އިންތިޚާބުގައި އެމްޑީޕީ ތަމްސީލުކުރާނެ ފަރާތެއް ކަނޑައެޅުމަށެވެ. މީކާއިލް މި ޕްރައިމަރީ ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެމްޑީޕީގެ ފަރާތުން ޑެޕިއުޓީ މޭޔަރު ކަމުގެ ރަސްމީ އިންތިޚާބުގައި ވާދަކުރައްވާނީ އޭނާއެވެ.

