ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޔަޒްމީދު މަގާމުން އިސްތިއުފާ ދެއްވިކަން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގަވާފައެވެ.
ޔަޒްމީދު މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އޭނާއަކީ ޖޭއެސްސީގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެ ކޮމިޝަނަށް އައްޔަންކުރެއްވި މެންބަރެވެ. ޔަޒްމީދު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ 23 ފެބުރުއަރީ 2025 ގައެވެ.
އޭނާ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކުރީ އެ މަގާމުގައި ކުރިން ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޖޭއެސްސީގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާއެވެ.
ޖޭއެސްސީ އެކުލެވިގެންވަނީ ޖުމްލަ 10 މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ބަންޑާރަ ނައިބާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ވަކީލުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކާއި، ތިން މަރުހަލާގެ ކޯޓުތަކުން އިންތިހާބުކުރާ ތިން ފަނޑިޔާރުން ވެސް ކޮމިޝަންގައި ތިއްބަވައެވެ.
ޔަޒްމީދު އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ކޮމިޝަނަށް އާ މެންބަރަކު އައްޔަންކުރެއްވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

