ގައުމު ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ތަޖުރިބާކާރު ލީޑަޝިޕެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫގައި ބޭއްވި ”ބޮޑު ބަދަލު“ ކެމްޕޭނުގެ ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބޮޑު ބަދަލެއް ބޭނުންވާކަމަށް ވިދާޅުވެ، ރައީސް މުޙައްމަދު ނަޝީދަށް އޮތް ތާއީދު ހާމަކުރައްވާފައެވެ.
މި ޖަލްސާގައި ފައްޔާޒު ވަނީ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އޭނާ ކުރެއްވި ސިޔާސީ މަސައްކަތްޕުޅުތަކަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީ ބަލިކަށިވިޔަނުދީ، ޕާޓީ ކާމިޔާބީއާ ދިމާލަށް ގެންދިއުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. އަދި މި ދަތުރަކީ އަބަދުވެސް ރޭވުނު ގޮތަށް އޮމާންކޮށް ދިޔަ ދަތުރެއް ނޫން ނަމަވެސް، ޕާޓީ މިއަދު އޮތް މުހިންމު ހިސާބަށް ގެނެސްދިނުމުގައި އޭނާގެ ދައުރެއް އޮތްކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ސިޔާސީ ދަތުރާއި ގައުމީ ހިންގުން ”އޮޑިއަކާ“ މިސާލު ކުރައްވަމުން ފައްޔާޒު ވިދާޅުވީ، ބައެއް ފަހަރު ދަތުރު ފަށައިގަންނައިރު ކާމިޔާބުހެން ހީވި ނަމަވެސް، މަންޒިލަށް ދެވުމުން އެއީ ދާން ބޭނުންވި ތަން ނޫންކަން އެނގިގެންދާ ކަމަށެވެ. ”ގައުމަށް މިހާރު ބޭނުންވަނީ ބޮޑު ބަދަލެއް. ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އުސްގަނޑުތަކަކީ ތަބީއީ ކަމެއް. އެހެންކަމުން، ރަނގަޅު މުސްތަގުބަލަކަށްޓަކައި ގައުމުވެސް ބަދަލުތަކެއްގެ ތެރެއިން ދާންޖެހޭ،“ ފައްޔާޒު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި ހަރަކާތަކީ އަލުން ”އޮޑިއަށް“ އަރައި، އޭގެ އިންޖީނު ބަދަލުކޮށް، މުޅިން އާ މަންޒިލަކަށް މިސްރާބު ޖެހުން ފަދަ ކަމެއް ކަމަށެވެ. މިއީ ލީޑަޝިޕް އަލުން ބިނާކޮށް، ގައުމަށް ވަރުގަދަ ދިމާލެއް ހޯދައިދިނުމުގެ ރަމްޒެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ޖޫން 12 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، މި ބަދަލު ގެނެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. އަދި މި ދަނޑިވަޅުގައި ގައުމަށް ބޭނުންވަނީ ތަޖުރިބާކާރު، ވަފާތެރި އަދި ދަތި ދަނޑިވަޅުތަކުގައި މަގުދައްކައިދޭނެ ލީޑަރެއް ކަމަށް ވިދާޅުވެ، އެ ބޭފުޅަކީ މުޙައްމަދު ނަޝީދު ކަމަށް ފާހަގަކުރެއްވިއެވެ.
ފައްޔާޒު ވިދާޅުވީ ޖޫން 12 އަކީ ހަމައެކަނި އިންތިޚާބު އޮންނަ ދުވަސް ނޫން ކަމަށާއި، އެއީ ގައުމުގެ މިސްރާބު ބަދަލުކޮށްލާނެ ދުވަސް ކަމަށެވެ. މިހާރު އޮތް ސަރުކާރު ނިމުމަކަށް ގެނައުމަކީ އަސްލު މަސައްކަތުގެ ފެށުން ކަމަށާއި، އެ ދުވަހަށްފަހު ގައުމު ބިނާކުރުމުގެ ހަގީގީ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި މި ފެށޭ އާ ދަތުރުގައި އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

