ތަޖުރިބާއެއް ނެތް ޒުވާނުންނާއި، މަސްއޫލިއްޔަތުތައް ހަވާލުކުރުމުގެ ބަދަލުގައި ގައުމަށް މިވަގުތު އެންމެ ފައިދާ ހުރި ގޮތަކީ އެ ޒިންމާތައް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަވާލުކުރުންކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ، ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާގައި މާރިޔާ ވަނީ ޕާޓީއަށް މިވަގުތު ބޭނުން ވަނީ ވަރުގަދަ ލީޑާޝިޕްއެއްކަމަށް ވިދާޅުވެފަ އެވެ.
މާރިޔާ ވިދާޅުވީ، ޕާޓީގެ ތެރޭގައި އޮތް ވިސްނުން ބަދަލުވާން ފަށާފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މި ހަރަކާތް އަލުން ”ބޮޑު ބަދަލު“ ގެ ރޫހަށް ރުޖޫޢަވާންޖެހޭ ކަމަށެވެ. ޕާޓީގެ އެތެރޭގެ މަސްރަޙާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން، ”ބުރަކަށީގައި ވަޅިޖެހުމުގެ“ ސަގާފަތަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މަސައްކަތްތައް އަމިއްލަ މެންބަރުންނަށްވެސް ނޭނގޭ މިންވަރަށް މުއާމަލާތްތައް ހީނަރުވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
ޕާލިމަންޓްރީ ގްރޫޕެއް އޮންނަކަންވެސް ގިނަ ބަޔަކަށް ނޭނގޭކަން ދާދި ފަހުން ފާހަގަކުރެވުނު. އަޅުގަނޑަށްވެސް މަޖިލިސް ގްރޫޕުގެ މަސައްކަތްތައް އެނގުނީ ރައީސް ނަޝީދުގެ އިސްނެންގެވުމުގެ ދަށުން
ކުރީގެ އަހަރުތަކުގައި ސަޕޯޓަރުން މަޖިލީހުގެ ކަންކަން ގާތުން ބަލަމުންދިޔަ ނަމަވެސް، މިހާރުގެ ޒުވާން ޖީލުގެ މެދުގައި އެ ހޭލުންތެރިކަން ކުޑަކަން އޭނާ ފާހަގަކުރެއްވިއެވެ.
މާރިޔާ ވިދާޅުވީ، މިވަގުތަކީ އެމްޑީޕީ ފަދަ ބޮޑު ޕާޓީއެއްގެ ޒަޢާމަތް ތަޖުރިބާ ނެތް ޒުވާން ބޭފުޅަކާ ހަވާލުކުރަންވީ ވަގުތު ނޫން ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު މަގާމުން ވަކިކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، އެފަދަ ގޮންޖެހުމަކާ ކުރިމަތިލުމަށް ބޭނުންވަނީ ރައީސް ނަޝީދު ފަދަ ސިޔާސީ އުކުޅުތަކަށް ކުޅަދާނަ، ތަޖުރިބާކާރު ޝަޚުޞިއްޔަތެއް ކަމަށް އޭނާ ވަކާލާތު ކުރެއްވިއެވެ.
ރައީސް ނަޝީދުގެ އަމިއްލަ އެޖެންޑާއެއް އޮންނަ ކަމަށް ބުނެ ކުރެވޭ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން މާރިޔާ ވިދާޅުވީ، އެމަނިކުފާނުގެ މަގުސަދުތައް ސާފު ކަމަށާއި މިވަގުތު ޕާޓީއަށް ބޭނުންވަނީ އެމަނިކުފާނުގެ ލީޑަރޝިޕް ކަމަށެވެ. އަދި ނަޝީދަށް ތާއީދު ނުކޮށްފިނަމަ ފަހުން ހިތާމަކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
މާރިޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ގައުމަށް ބޮޑު ސިޔާސީ ބަދަލެއް ގެނައުމަށްޓަކައި ރައީސް ނަޝީދުގެ ތަޖުރިބާއަށް އިސްކަންދީ، އެމަނިކުފާނަށް ވޯޓު ދިނުމަށް އެމްޑީޕީގެ މެންބަރުންނަށް އިލްތިމާސް ކުރައްވަމުންނެވެ.

