ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ބަނދެފައި ހުރި ދޫންޏެއް ބޭނުމެއް ނުވޭ، އެއީ ޝަކުވާގެ އަޑަށް ހޭވެސް އަހާލާނެ ބައެއް ނޫން: ސޯބެ

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ސޯބެ ވާހަކަދައްކަވަނީ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިޤް (ސޯބެ)، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޕީއެންސީގެ އެތެރޭގެ ޑިމޮކްރަސީއަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފިއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ، ޕީއެންސީގެ ފަރާތުން މި ދާއިރާއަށް މިހާރު ވާދަކުރާ ކެންޑިޑޭޓަކީ އެ ޕާޓީގެ އާންމު މެންބަރުން ބޭނުންވި މީހާ ނޫން ކަމަށެވެ. ޕީއެންސީގެ މެންބަރުން ވޯޓުދީގެން ހޮވި ކެންޑިޑޭޓުގެ އަތުން ސަރުކާރުން ޓިކެޓު ފޭރިގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯބެގެ ވާހަކަފުޅުގައި، ރައްޔިތުން މިއަދު ތިބީ ވަރަށް ބިކަ ހާލަތެއްގައި ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޭނާ މަޖިލީހަށް ހޮވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ”ސަރުކާރުގެ ތުން ބަނދެފައި އިން ދޫންޏެއް އަނެއްކާވެސް އެ ގޮނޑީގައި ބައިންދައިފިއްޔާ (ރައްޔިތުންގެ ޝަކުވާގެ އަޑު) ހޭވެސް އަހާނުލާނެ،“ ސޯބެ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރާ ނޭދެވޭ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކައިފިނަމަ، ކޯޓު އަމުރެއް ނެރެ އެ ވާހަކަ ހުއްޓުވާފާނެ ކަމުގެ ބިރު މިއަދު އެބައޮތް ކަމަށެވެ.

ރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ، ތަކެތީގެ އަގާއި، ޑޮލަރު، ޕެޓްރޯލް އަދި ކަރަންޓުގެ އަގު އިންތިހާއަށް ބޮޑުވަމުންދާ ކަމަށެވެ. އަދި އާސަންދަ އޮތީ ނަމަކަށް ކަމަށާއި، ސިއްޙީ ނިޒާމު ފެއިލްވެ، ރައްޔިތުން އަދިވެސް ޖެހެނީ ބޭސް ސިޓީއަށް ސަލާންޖަހަން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މިސާލެއްގެ ގޮތުން ހިޔާ ފްލެޓް ސަރަޙައްދުގައި އުމުރުން ދުވަސްވީ މީހުން މާޔޫސްވެފައި ތިބޭ މަންޒަރު ފެންނަނީ، ރަށްރަށުން އަސާސީ ޚިދުމަތް ނުލިބިގެން މާލެ ހިޖުރަކުރަން ޖެހުމުން ކަމަށް ސޯބެ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިހާރުގެ ސަރުކާރުން ރައްޔިތުންގެ ޙައްޤުތައް ހަނިކުރަމުންދާ ކަމަށާއި، މިނިވަން މުއައްސަސާތަކާއި ކޯޓުތައް ކޮންޓްރޯލް ކުރުމުގެ ”ރިމޯޓު“ އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ، އެމްޑީޕީގެ 12 މެންބަރުން މަޖިލީހުގައި ތިއްބަވައިގެން ކުރައްވާ މަސައްކަތަށް އިތުރު ބާރެއް ދިނުމަށް އޭނާ ހޮވުން މުހިންމު ކަމަށެވެ. އަދި އޭނާ މަޖިލީހަށް ހޮވިއްޖެނަމަ، ހިތަދޫގެ މަޝްރޫއުތައް ހުއްޓިފައިވާ ސަބަބާ ބެހޭގޮތުން ސަރުކާރާ ސުވާލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: