އެމްޑީޕީ ދޫކޮށް ވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ޕާޓީން އެމަނިކުފާނު އެއްލާލީ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ޗެއާޕާސަން ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނަށް ހއ. ކެލާއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީއަކީ މީހެއްގެ ފިކުރެއް ކަމަށާއި، އެމަނިކުފާނުގެ ހަޔާތުގެ ދެބައިކުޅައެއްބައި ހޭދަކުރެއްވި އެމްޑީޕީގެ ފިކުރާއި ވިސްނުން ދުވަހަކުވެސް ބަދަލުނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނު ދުވަހަކުވެސް އަމިއްލައަށް ޕާޓީ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
އެމްޑީޕީ އުފެއްދުމަށް ކުރި ބުރަ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕާޓީ ވުޖޫދުކުރުމަށްޓަކައި އެމަނިކުފާނުގެ މުޅި ޒުވާން އުމުރު ހޭދަކުރެއްވީ ޖަލުގައި ކަމަށެވެ. އަދި 2005 ވަނަ އަހަރު ޕާޓީ އުފެދުނީއްސުރެ 2023 އާ ހަމައަށް ޕާޓީ ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށާއި، އެގޮތުން ހަމައެކަނި ކެލާއަށްވެސް 27 ވަރަކަށް ފަހަރު ޒިޔާރަތް ކުރައްވާފައިވާނެ ކަމަށް ފާހަގަކުރެއްވިއެވެ.
”އަޅުގަނޑެއް ނުދަން ޕާޓީ ދޫކޮށެއް، އަޅުގަނޑު އެއްލާލީ“
އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީދެކެ އެމަނިކުފާނަށްވުރެ ވަކި ލޯބިވާނެ އަދި ޕާޓީ ކުރިއަރުވާނެ އިތުރު މީހަކު ނުހުންނާނެއެވެ.
ޕާޓީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެއީ އެމަނިކުފާނުގެވެސް ސަބަބުން ދިމާވި ކަންކަން ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަމަށްޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސިޔާސީ ފިކުރާއި ވިސްނުން ބަދަލުނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ވަނީ އަރުވާފައެވެ.

