ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު މިހާރު ރާއްޖޭގައި ވެސް ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ފަސްކުރުމުކުގެ މަޝްވަރާއަކީ ސިޔާސީ މަޝްްވަރާއަކަށް ވެގެންނުވާނެކަމަށް، ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މި ކަމަކީ ވަކި ޕާޓީއެއްގެ ނުވަތަ ވަކި މީހެއްގެ މަސްލަޙަތަށްވުރެ މާ މުހިއްމުކަމެއްކަމަށާއި، މިއީ ޤައުމުގެ ރައްޔިތުންގެ ދިރިއުޅުމާއި، ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ޤައުމީ މައްސަލައެއްކަމަށެވެ.
އުޝާމް މިހެންވިދާޅުވެފައިމިވަނީ، އިންތިޚާބު ލަސްކުރުމުގެ މަޝްވަރާއަކީ ”ސިޔާސީ މަޝްވަރާއެއް“ ކަމަށާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލުން މިނިވަންނުކުރަނީސް، ސިޔާސީ އެއްވެސް މަޝްވަރާއެއް ނުކުރާގޮތަށް ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ކައުންސިލްގެ ބައްދަލުވުމެއްގައި ނިންމާފައިވާކަމަށް
ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާއި ގުޅިގެން، ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ސިޔާސީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. ބައެއް ފަރާތްތަކުން އިންތިޚާބު ފަސްކުރަން ގޮވާލިކަމުގައި ވިޔަސް، ބައެއް ފަރާތްތަކުން އަންނަނީ އިންތިޚާބު އަވަސްކުރުމަށް ގޮވާލަމުންނެވެ. މި ގޮތުން، މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވައިފައިވާ އަލްހާން ފަހުމީ ވިދާޅުވީ، އިންތިޚާބު ފަސްކުރުމަކީ ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށްގެން ކުރަންޖެހޭކަމެއްނޫންކަމުގައެވެ.

