ޝަރީޢަތް ނިމެންދެން މީހަކު ހައްޔަރުގައި ބަހައްޓަން ފަނޑިޔާރު ނިންމަވައިފިނަމަ، އެ ނިންމެވުން ކޮންމެ ތިރީސް ދުވަހަކުން މުރާޖަޢާކުރަންޖެހޭ ގޮތަށް ޖިނާއީ އިޖުރާތުގެ ޤާނޫނަށް އިސްލާހުގެނައުމަށް، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ބިލެއް ހުށަހަޅުއްވައިފިއެވެ.
ޖިނާއީ އިޖުރާތުގެ ޤާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޒަރީރު ހުށަހެޅުއްވި ބިލުގައިވާގޮތުން، އެ ފަދަ މީހަކު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެކަމަށް މިއިސްލާހުގައި ވެއެވެ. މީގެ އިތުރުން، ބަންދުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވަލުކުރާ ޙާލަތުގައި، އޭނާއާއި ސުވާލުކުރަން ފެށުމުގެކުރިން، އޭނޤގެ ޤާނޫނީ ވަކީލަށް ނުވަތަ އޭނާގެ މަސްލަހަތު ޙިމާޔަތްކޮށްދެވޭނެ މީހަކަށް ނޫންނަމަ ގާތްތިމާގެ މީހަކަށް ފޯނުކުރުމުގެ ފުރުޞަތުދީ އޭނާ ހުރިތަނެއް އެންގުމުގެ ފުރުޞަތު ދޭންވާނެކަމަށް އެ ބިލުގައިވެއެވެ.
ޒަރީރު ހުށަހެޅުއްވި މި ބިލުގައި، ޖިނާއީ އިޖުރާތުގެ ޤާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވެއެވެ. މި ގޮތުން، ޖިނާއީ ބޮޑެތި ކުށްތަކުގެތެރޭގައި، 11 ކުށެއް ކަނޑައެޅުމަށްވަނީ ހުށަހަޅުއްވާފައެވެ.
ޒަރީރު ހުށަހެޅުއްވި ބިލުގައި، ޖިނާއީ ބޮޑެތި ކުށްތަކެއްކަމަށް ބަޔާންކުރައްވާފައިވަނީ، މީހަކު މެރުމުގެކުށާއި، ރޭޕްކުރުމުގެ ކުށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، މަނީ ލޯންޑްރިންގެ ކުށާއި، ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށާއި، ޓްރެފިކްކުރުމުގެ ކުށާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށާއި، ލައްކައަކަށްވުރެ މަތީ ފައިސާގެ ޢަދަދު ހިމެނޭ ކުށާއި، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށާއި ރިޝްވަތުގެ ކުށެވެ.
މީގެ އިތުރުން، އެ ބިލުގައިވާގޮތުން، ސަލާމަތީ ބާރުތަކަށް ބޮޑެތި އިޚުތިޔާރުތަކާއި، ބާރުތަށް ދިނުމަށް ކަނޑައަޅާފައިވެއެވެ. މި ގޮތުން، ޤާނޫނު ތަންފީޒުކުރާ އިދާރާއަކުން، ތަޙުޤީޤުކުރާ ޖިނާއީ ކުށަކާއި ގުޅިގެން، ޢާންމު ތަނަކަށް ވަންނަންޖެހިއްޖެ ހާލަތެއްގައި، ކޯޓު އަމުރެއްނެތި އެ ތަނަކަށް ވަނުމުގެ ބާރު އެ ފަދަ ކޮންމެ އިދާރާއަކަށް ލިބިގެންވާކަމަށް އެ ބިލުގައި ހިމަނާފައިވެއެވެ.

