މިހާތަނަށް އައިއިރު ދިވެހި ރާއްޖެއަށް ގެނެވުނު ހެޔޮ ބަދަލުތައް ގެނެސްދީފައިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ހުސެން އަމްރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ބަދަލު ގެންނަން ޖެހެނީ ބަދަލެއް ގެންނަ ޙާލަތެއް މެދުވެރިވުމުން ކަމަށެވެ. އެގޮތުން 30 އަހަރުގެ ހުދުމުހުތާރު ވެރިކަމެއްގެ ތެރޭގައި ރައްޔިތުން ތިބީ ވަރަށް ނިކަމެތި ޙާލުގައިކަމަށް އަމްރު ވިދާޅުވިއެވެ. އޭރު ބޭސް ސިޓީ ހިފައިގެން ރައްޔިތުން އެއް ގެއިން އަނެއް ގެއަށް ސަލާންޖަހަން އުޅުނު މަންޒަރަކީ އެންމެންނަށް އެނގޭނެ ޙަޤީގަތެއްކަމަށް އޭނާ ވިދާޅުވިއެވެ. އަމްރު ވިދާޅުވީ އެއީ އޭރު ބަދަލެއް ގެންނަން މެދުވެރިވި ޙާލަތު ކަމަށެވެ.
ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި ތިން އަހަރުގެ ތެރޭގައި އެމަަނިކުފާނު ދިވެހިރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެންނެވިކަމަށް އަމްރު ފާހަގަކުރެއްވިއެވެ. މިގޮތުން އޭރު ސަރުކާރުގެ އާމްދަނީގެ ގޮތުގައި ލިބެނީ ފަސް ބިލިއަން ރުފިޔާކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ، ރާއްޖޭގައި 90 އަށް ވުރެ ގިނަ ރަށް އޮތްއިރު ނަރުދަމާގެ ނިޒާމު ޤާޢިމްކުރެވިފައިވަނީ ހަމައެކަނި މާލޭގައި ކަމަށެވެ. މީގެ އިތުރުން އަސާސީ ޙިދުމަތްތަކަށް އަލިއަޅުއްވާލައްވާ އަމްރު ވިދާޅުވީ، ރާއްޖޭގައި ފެން ލޮނުވެގެން ދިޔައިރު ސާފު ބޯފެންވެސް އޭރު ލިބެން ހުރީ ހަމައެކަނި މާލޭގައި އެކަނި ކަމަށެވެ. އަދި ސިއްޙީ ނިޒާމަށް ބަލާއިރުވެސް އަތޮޅުތެރޭގައި އެކަށީގެންވާ ވަރަށް ސިއްޙީ ނިޒާމު ޤާއިމުކުރެވިފައިނުވާކަމަށް އަމްރު ވިދާޅުވިއެވެ. އެގޮތުން ޖުމްލަ ގޮތެއްގައި އަތޮޅުތެރޭގެ އަސާސީ ޙިދުމަތްތަކަށް އަޅާނުލެވި، އަތޮޅުތެރެ އޮތީ ވަރަށް ޙާލުގައި ކަމަށް އަމްރު ވިދާޅުވިއެވެ.
ޤައުމު އެ ޙާލަތުން އަރައިގަނެވުނީ ގެނައި ”ބޮޑު ބަދަލެއްގެ“ ސަބަބުންކަމަށް އަމްރު ވިދާޅުވިއެވެ. އެގޮތުން އޭރު ސަރުކާރުގެ އާމްދަނީ ފަސް ބިލިއަން ރުފިޔާއިން 40 ބިލިއަން ރުފިޔާއަށް އިތުރު ކުރެވުނުކަމަށް އަމްރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް ލޯކަލް ޓުއަރިޒަމް ތަޢާރަފްކުރީ ވެސް އެމްޑީޕިގެ ސަރުކާރުންކަމަށް އަމްރު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ރަނގަޅު އާމްދަނީއެއް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާޢަތަށް އަލިއަޅުއްވާލައްވާ އަމްރު ވިދާޅުވީ، އޭރުގައި ކިރުވާ މަހުގެ ކިލޯއަކަށް ލެބެނީ އެންމެ ފަސް ރުފިޔާ ކަމުގައެވެ. އެހެން ނަމަވެސް އެމްޑީޕީގެ ސަރުކާރުގައި މަސްވެރިން ކިރުވާ މަހަށް 20 ރުފިޔާގެ ރޭޓުން ފައިސާ ދޫކުރިކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ވެސް އެމްޑީޕީން ގެނައި ”ބޮޑު ބަދަލެއްގެ“ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އެގޮތުން ރައްޔިތުންނަށް އާމްދަނީ ލިބޭނެ ހުރިހާ ދޮރެއް ހުޅުވައިދިނީ ހަމަ އެމްޑީޕީން ގެނައި ބޮޑު ބަދަލެއްގެ ސަބަބުންކަމަށް އަމްރު ވިދާޅުވިއެވެ.
ޖުމްލަ ގޮތެއްގައި އަމްރު ވިދާޅުވީ، ދިވެހިރާއްޖޭގައި މިހާރު ފެންނަމުން މިދާ ބޮޑެތި ބަދަލުތަކަކީ އެމްޑީޕީގެ ސަރުކާރުން ކުރި ބުރަ މަސައްކަތުން ގެނައި ބަދަލުތަކެއް ކަމަށެވެ. އަދި އެއީ ވަރަށް ބުރަ މަސައްކަތުން ކުރެވުނު ކަމެއްކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ބޮޑު ބަދަލެއް ގެނެވޭނީ ހަމަ އެމްޑީޕީއަށް ކަމަށެވެ.
”ދިވެހިރާއްޖޭގައި މިހާރު ފެންނަމުން މިދާ ބޮޑެތި ބަދަލުތަކަކީ އެމްޑީޕީގެ ސަރުކާރުން ކުރި ބުރަ މަސައްކަތުން ގެނައި ބަދަލުތަކެއް. ކުރިއަށް އޮތްތަނުގައި ވެސް ބޮޑު ބަދަލެއް ގެނެވޭނީ ހަމަ އެމްޑީޕީއަށް،“ އަމްރު
އެމްޑީޕީގެ އެތެރޭގައި އުފެދުނު ޙިޔާލު ތަފާތުވުންތަކުގައި އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި އަމްރު ހިމެނިވަޑައިގެންނަވައެވެ. އަމްރު ފަހުން ވަނީ ޑިމޮކްރެޓްސް ދޫކުރައްވައި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

