އަންނަ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ލަސްކޮށްފިނަމަ ދަޢުލަތުން ކުރަންޖެހޭ ޚަރަދުބޮޑުވާނެކަމަށް އިލެކްޝަން ކޮމިޝަންގެ(އީސީ) ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ، ކައުންސިލް އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމިޓީގެ އެގާރަ ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އިންތިޚާބު ލަސްކޮށްފިނަމަ ސަރުކާރުން ކުރަންޖެހޭ ޚަރަދު 30 މިލިއަން ރުފިޔާއަށް ބޮޑުވެދާނޭކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، ކޮރޯނާއާއި ވައިރަހާއިގުޅިގެން، އިންތިޚާބު ފަސްކުރަންޖެހޭ އެއްވެސް ހާލަތެއްނެތްކަމަށާއި، ޤާނޫނުގައި ކަނޑައެޅިފައިވާ ތާރީޚަށްވުރެ އިންތިޚާބު ފަސްކުރުމުގެ އިޚުތިޔާރެއް އިލެކްޝަން ކޮމިޝަނަށް ލިބިފައިނުވާކަމަށެވެ. އެހެންނަމަވެސް، އެއްވެސް ފަރާތަކުން ކޯޓުގައި ޗެލެންޖް ކުރައްވައިގެން ކޯޓު އަމުރެއް ގެންނަވައިފިނަމަ އެ އަމުރަކަށް ޢަމަލުކުރާނޭކަމަށެވެ.
ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ ކޯޓުގައި އިސްތިޝާރީ ލަފަޔަކަށް އެދުމުގެ އިޚުތިޔާރު އިލެކްޝަން ކޮމިޝަނަށް ލިބިގެންވާ ކަމަށާއި، އެހެނަސް އެ ފަދަ ހާލަތެއް ޤައުމަށް ކުރިމަތިވެފައިވާކަމަށް ފެނިވަޑައިނުގަންނަވާކަމަށާއި، މިކަމާއި ޚިލާފުއުފެދޭ އެއްވެސް މެންބަރަކު ވެސް ނެތްކަމަށެވެ.
”ކޮމިޝަންގެ މެންބަރުންނަށް އިއްތިފާޤު އެބަވޭ އަދި ރާއްޖެއަކަށް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން ޖެހޭ ހާލަތެއް ނާންނަ ކަމަށް،“ ޝަރީފް
މީގެ އިތުރުން، ޝަރީފް ވިދާޅުވީ، ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާއި ގުޅިގެން، އިލެކްޝަން ކޮމިޝަނުން ކަންބޮޑުވާކަމަކީ ވޯޓު ފޮށިތައް ބަހައްޓާ ރިސޯޓެއް ނުވަތަ ވޯޓު ފޮށި ބަހައްޓާ ރަށަކަށް އަރައިފޭބުން މަނާކޮށްފި ދަނޑިވަޅެއްގައި، ކުރަންޖެހޭ ކަންތައް އޮޅުންފިލުވުންކަމަށެވެ. ހަމަ އެހެންމެ، އެހެނިހެން ޤައުމުތަކުގައި ވޯޓުލުމަށްޓަކައި ދިވެހީން އެއްތަނަކަށް ޖަމާވާއިރު އެ ކަމުގެ ހުއްދަ އެ ޤައުމުން ދޫކުރާނެކަމާމެދު ސުވާލުއުފެދޭކަމަށާއި އެހެންކަމުން އެ ކަމާއި ކަންބޮޑުވާކަމަށެވެ.
ދިވެހިރާއްޖޭގެ ޤާނޫނު ބުނާގޮތުން، މިހާރުއޮތް ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ އެއްމަސްދުވަހުގެ ކުރިން އިންތިޚާބު ބާއްވަންޖެހެއެވެ.

