ނިމިދިޔަ މެއި މަހުގެ ތެރޭގައި 100އަށް ވުރެ ގިނަ ސްކޭމްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުން ހާމަވެއްޖެއެވެ.
ފުލުހުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު، މެއި 24 އިން 30 އާއި ދެމެދު 23 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. ގެއްލުނު ފައިސާގެ އަދަދު 126،489ރ. އަށް އަރާއިރު އަނބުރާ ހޯދުނު ފައިސާގެ އަދަދަކީ 52،346.35ރ. އެވެ. ހަމައެކަނި މެއި މަހުގެ ތެރޭގައި ވެސް 100އަށް ވުރެ ގިނަ ސްކޭމްގެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
މިފަދަ ސްކޭމްތައް ކުރާ އެކި މަންސަތަކަށް ބަލާއިރު، އޮންލައިން މެސެޖިންގ، އައިބޭ، ފޯން ކޯލް، ފިޝިންގ ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސް ހިމެނެއެވެ. މިފަދަ ސްކޭމްތަކަކީ ގިނައިން އީ-ކޮމާރސް، ފައިސާ މާރުކުރުން އަދި އެހެނިހެން ފައިސާގެ މުއާމާލާތްތަކުގެ ތެރެއިން ހިންގާ ސްކޭމްތަކެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތުތައް ވެސް ހިއްސާކުރަމުން އަންނައިރު، މިހާރު އެންމެ ބޮޑަށް ސަމާލުވުމަށް އެ ސެންޓަރުން އެދިފައިވަނީ ބުކިން.ކޮމްގެ ނަމުގައި ހިންގާ ސްކޭމްއަކާއި ގުޅިގެންނެވެ.
އެގޮތުން އެންޓި ސްކޭމް ސެންޓަރުން ބުނެފައިވަނީ ބުކިން.ކޮމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލަން އާ ސްކޭމް މެސެޖުތަކެއް މިހާރު ފޮނުވަން ފަށާފައިވާ ކަމަށެވެ. މިއީ ރިފަންޑެއް ދޭންވެގެން ކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިންގް ލިންކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރަސްމީ ބުކިން.ކޮމްގެ ބަދަލުގައި އެ މެސެޖުގައި ވާނީ އޮޅުވާލުމެއް އެކުލެވޭ ކުރު ލިންކެއް ކަމަށާއި އަވަސް ކުރުވުމަށް ޓަކައި ”24 ގަޑިއިރު ތެރޭގައި“ ފުރިހަމަ ކުރަންޖެހޭނެކަމަށް ބުނެ ވިސްނާލަން ވަގުތު ނުދީ ބިރުވެރިކަން އުފައްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވަނީ އެއްވެސް ކުންފުންޏަކުން ރިފަންޑް ދޭން ކާޑުގެ ނަންބަރާއި، އެކްސްޕަޔަރީ ޑޭޓް ނުވަތަ ސީވީވީ ހޯދަން ލިންކު ނުފޮނުވާނެ ކަމަށެވެ. ފުލުހުން ވަނީ އެފަދަ ލިންކުތަކަށް ނުފިތާ އަދި ކާޑުގެ މައުލޫމާތު ހިއްސާ ނުކޮށް އެފަދަ ކުންފުނިތަކާއި ގުޅައިގެން އެ މައުލޫމާތު ސާފުކުރަން އެދިފައެވެ.
ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކާއި އެކި ސްކޭމް ޓެކްނިކްތައް ބޭނުންކޮށްގެން ސްކޭމްކުރާ މިންވަރު އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުން އެނގެއެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އަންނަނީ ކޮންމެ ހަފްތާއެއްގައި ވެސް ތަފާސްހިސާބުތައް ހިއްސާކުރަމުންނެވެ.

