އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާއެއްގައި އަވަހާރަކޮއްލާފައިވާ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަން އަންނަ ޖުލައި މަހު ބޭއްވުމަށް އީރާނު ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިން މިއަދު ނެރުނު ބަޔާނެއްގައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި، ޚާމަނާއީގެ ވަދާއީ ރަސްމިއްޔާތުތައް އަންނަ ޖުލައި މަހުގެ 4 އަދި 5 ވަނަ ދުވަހު އެ ގައުމުގެ ވެރިރަށް ތެހެރާނުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި ތެހެރާނުގައި ބާއްވާ ޖަނާޒާގެ ރަސްމިއްޔާތު ޖުލައި 6 ވަނަ ދުވަހު ބޭއްވުމަށްފަހު، ޖުލައި 7 ވަނަ ދުވަހު ގޯމްގައިވެސް ޚާއްސަ ޖަނާޒާގެ ރަސްމިއްޔާތުތަކެއް ކުރިއަށްދާނެ ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.
ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހު މަޝްހަދު ސިޓީގައި ހުންނަ އިމާމް ރެޒާ ޝްރައިންގައެވެ. މިއީ އަލީ އަލް-ރިދާ (އިމާމް ރެޒާ) ވެސް ފަސްދާނުލެވިފައިވާ މުގައްދަސް ބިމެކެވެ.
އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކެއްގައެވެ. އެމެރިކާއިން އެ ދުވަހު އެކަން އިއުލާނު ކުރި ނަމަވެސް، އީރާނުން އެކަން ރަސްމީކޮށް ކަށަވަރުކޮށްދީފައިވަނީ މާޗް މަހުގެ 1 ވަނަ ދުވަހުއެވެ.
ކުރިން ހަމަޖެހިފައި އޮތީ މާޗް މަހުގެ 11 ވަނަ ދުވަހު ޖަނާޒާ ބޭއްވުމަށެވެ. ނަމަވެސް، އެކި ސަބަބުތަކާހުރެ ޖަނާޒާ ބޭއްވުން ލަސްވެ، މިހާރު މިވަނީ އަންނަ މަހަށް ތާވަލުކޮށްފައެވެ. ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އިސްލާމީ ދުނިޔޭގެ ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

