ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް އުރީދޫއިން ރަސްމީކޮށް ތައާރަފްކޮށްފިއެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ހިދުމަތް ރާއްޖެއަށް ތައާރަފްކޮށްދެއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ޕޭޕަލްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު އާމިރް ވަލިއާނީ ބައިވެރިވެވަޑައިގަތެވެ.
އުރީދޫގެ އެމްފައިސާ މެދުވެރިކޮށް، ޕޭޕަލް ބޭނުންކުރެވޭ ގޮތް މިއަދު ހަމަޖައްސާފައިވާއިރު، ޕޭޕަލް ބަލައިގަންނަ ބައިނަލްއަގުވާމީ ވިޔަފާރިތަކުން ތަކެތި ގަތުމަށް އެ ހިދުމަތް މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. އަދި ދިވެހި ވިޔަފާރިތަކަށް ބޭރު ގައުމުތަކުގެ ކަސްޓަމަރުންނަށް ތަކެތި ވިއްކައި އޭގެ އަގު ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.
ޕޭޕަލް އަކީ ރާއްޖޭގެ ރައްޔިތުން ވަރަށް ދިގު އިންތިޒާރެއް ކުރި ހިދުމަތެކެވެ. ރާއްޖެއަށް ޕޭޕަލްގެ ވިތުޑްރޯވަލް (ފައިސާ ނެގޭނެ) ހިދުމަތް ހޯދުމަށް މި ސަރުކާރުން އެންމެ ފުރަތަމަ ރަސްމީކޮށް މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ޖޫން 6 ގައެވެ. އެއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ޕޭޕަލްގެ ސީއީއޯ އެލެކްސް ކުރިސްއަށް ފޮނުވި ސިޓީއަކާ އެކުގައެވެ.
އެހެންނަމަވެސް އޭރު ހިދުމަތް ގެނައުމުގައި ލަސްތަކެއްވެގެން ދިޔައީ އެންޓި-މަނީ ލޯންޑްރިން (އޭއެމްއެލް) ކޮމްޕްލަޔަންސްގެ ބައެއް މިންގަނޑުތައް ހަމަަނުވުމުގެ ސަބަބުންނެވެ. އެހެންކަމުން އުރީދޫއިން އޭއެމްއެލް ޕްރޮގްރާމް އިތުރަށް ވަރުގަދަކޮށް ޕޭޕަލްއިން ބޭނުންވީ ހުރިހާ ބަދަލުތަކެއް ގެނެސް ނިންމީ މިއަހަރުގެ ކުރީކޮޅެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުރީދޫއަށް އިންވާޑް ރެމިޓެންސް ލައިސަންސް ވެސް ރަސްމީކޮށް ހަވާލުކޮށްފައެވެ. މި ހިދުމަތް ތައާރަފުވުމާއެކު ރާއްޖޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްކުރާ ފްރީލާންސަރުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރުގައުމުތަކުން ފަސޭހަކަމާއެކު ފައިސާ ލިބޭނެ މަގު ތަނަވަސްވާނެއެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދާއި ކްރިއޭޓިވް އިގްތިސާދު ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފާލަމެއްގެ ގޮތުގައި އުރީދޫން ފާހަގަކުރެއެވެ.

