ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ރައްޔިތުން މަޖިލީހުގެ މެމްބަރުކަމުގެ ހުވާކުރައްވައިފިއެވެ.
ސޯބެ މަގާމުގެ ހުވާކުރެއްވީ މިއަދު ހެނދުނު އެކަމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އަބްދުﷲ ސޯދިގު މަޖިލީހަށް އިންތިހާބުވެވަޑައިގަތުމާއެކު، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު ވަނީ 13 އަށް އިތުރުވެފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަން ކުރެއްވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަން ހާމަވުމާ ގުޅިގެން އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލުމުންނެވެ. އެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން އޮތީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު އިއުލާންކުރި ރަސްމީ ނަތީޖާއިން ދައްކާ ގޮތުގައި، ސޯބެ ގޮނޑި ކާމިޔާބު ކުރެއްވީ 1،375 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 51.15 އިންސައްތައެވެ. އޭނާއާ ވާދަކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އަހްމަދު ސައީދަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ. އެއީ 48.85 އިންސައްތަ ވޯޓެވެ.
އެ އިންތިހާބުގައި ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތީ 62 ވޯޓުގެ ފަރަގެކެވެ. ހިތަދޫ އުތުރު ދާއިރާގައި ވޯޓު ދިނުމުގެ ހައްގު 4،100 އެއްހާ މީހުންނަށް ލިބިފައިވާއިރު، ވޯޓުލާން ނުކުމެފައި ވަނީ 2،739 މީހުންނެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 66 އިންސައްތައެވެ.

