ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މަގުމަތީ ހަރަކާތްތައް ފެނުމުން، ރައްޔިތުން ތިބެނީ ހިނިތުންވެފައި: ރައީސް ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށާއި، މަގުމަތީގެ ހަރަކާތްތައް ފެނުމުން ރައްޔިތުން ތިބެނީ ހިނިތުންވެފައިކަމަށް ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމާއި، ރައީސް ނަޝީދު ހަވާލުވެވަޑައިގަތުމަށް ފަހު ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް އެކި ހަރަކާތްތައް ވަނީ ރޭވިފަ އެވެ. އެގޮތުން ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކޮށް، މާދަމާރޭ ބޮޑު އެއްވުމެއް މާލޭގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ސަންގުޓީވީގެ ހާއްސަ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެމްޑީޕީން ތިން ހަތަރު ބާވަތެއްގެ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ރަށްރަށުގެ މެމްބަރުންނާއި ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ ވޯކްޝޮޕްތަކާއި ސެމިނާތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މި ހަރަކާތްތަކުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ ގައުމަށް ބޭނުންވާ ބޮޑު ބަދަލާ ގުޅޭގޮތުން މަޝްވަރާކޮށް، މައުލޫމާތު ހިއްސާކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް މިއޮތީ ވަރަށް ބޮޑު ބަދަލެއް ބޭނުންވާކަން ފާހަގަވެފައި. އެހެންވީމާ އެ ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާ ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ޕާޓީ ވަރުގަދަކުރުމުގެ ގޮތުން މެމްބާޝިޕް ޑްރައިވް އެއް ކުރިއަށް ގެންދާނެކަމަށެވެ. އަދި ވިދާޅުވީ، ގޭގެއަށް ޒިޔާރަތްކޮށް އާއިލާތަކާ ބައްދަލުކޮށް ޕާޓީގެ ތަސައްވަރު ކިޔައިދިނުމަކީ މި ހަރަކާތުގެ މުހިންމު ބައެއް ކަމަށެވެ.

މީގެ އިތުރުން، ސިޔާސީ ވަރުގަދަ ހަރަކާތްތަކެއްގެ ގޮތުގައި ކަންމަތީ ބައްދަލުވުންތަކާއި ބޮޑެތި ޖަލްސާތައް ވެސް ރޭވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑު އުއްމީދު ކުރަނީ މަދުވެގެން މަހަކު ދެ ބޮޑު ޖަލްސާ އަދި ކޮންމެ ހަފްތާއަކު އެއްފަހަރު ކަންމަތީ ބައްދަލުވުމެއް ބޭއްވޭނެ ގޮތެއް ހޯދުން. އަދި މިކަންކަން ހިންގާނީ އެންމެ ރަށެއްގައެއް ނޫން، އެއްފަހަރާ އެތައް ރަށެއްގައި މި މަސައްކަތްތައް ހިނގާނެ

މަގުމަތީގެ ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަހަކު ދެފަހަރު މުޒާހަރާ ނުވަތަ ހިނގާލުން ބޭއްވުމަށް އެމަނިކުފާނު ގަސްދުކުރައްވާކަމަށެވެ. އެމްޑީޕީގެ މުޒާހަރާތަކަކީ ސުލްހަވެރި ހަރަކާތްތަކެއްކަމަށާއި، އެއީ ހަމަނުޖެހުން ހިންގާ އެއްވުންތަކެއްގެ ގޮތުގައި ނުދެކުމަށް ފުލުހުންނަށް ގޮވާލާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މި އެއްވުންތަކުގައި ފުލުހުންގެ ދައުރަކީ ޓްރެފިކް ބެލެހެއްޓުމާއި ހަރަކާތް އިންތިޒާމުކުރުމުގައި އެހީތެރިވުން ކަމަށްވެސް ވިދާޅުވިއެވެ.

މާދަމާ ރޭ ބާއްވާ ”ވަޒީފާ ބުރާސްފަތި“ އެއްވުމަކީ ސަރުކާރު ވައްޓާލަން ނުވަތަ ޖަމަނުޖެހުމެއް އުފެއްދުމަށް ބާއްވާ ހަރަކާތެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ، ކުރިން މަގުމަތީ ހަރަކާތްތައް ހިންގާއިރު ބައެއް އާންމު ރައްޔިތުންގެ ނުރުހުން އަމާޒުވާކަމަށެވެ. ނުވަތަ ހިތްހަމަނުޖެހި ވާހަކަ ދައްކައި، ބަހުގެ ހަމަލާތައް ދިން ނަމަވެސް މިހާރު މަންޒަރު ބަދަލުވެފައިވާ ކަމަށެވެ.

މިހާރު ހުރިހާ ރައްޔިތުން ތިބެނީ އަޅުގަނޑުމެން މަގުމައްޗަށް ނިކުތީމާ ހިނިތުންވެފައި

މާދަމާ ރޭގެ އެއްވުމަށް ސަރުކާރުން ފުރުސަތު ދީފާނެކަމަށް ގަބޫލު ކުރައްވަންތޯއާއި، އެއްވުން ކުރިޔަށް ގެންދަން ޖާގަ ނުދީފިނަމަ ދެން އަމަލު ކުރައްވާނެ ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހިނގާލުމަށް ހުރަސް ނާޅާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެއްވެ އުޅުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގެއްކަން ރައީސް ނަޝީދު ވިދާޅުވި އެވެ.

އެއްވުމާއި ގުޅޭ އެއްވެސް ޝަކުވާއެއް ރައްޔިތެއްގެ ފަރާތުން ލިބުނަސް، އެކަން ވަގުތުން ހައްލު ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: