ހުޅުމާލެ ފޭސް 2ގައި ހުންނަ ފިހާރައަކަށް ތޫނު ހަތިޔާރާއެކު ވަދެ މާރާމާރީ ހިންގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 2ގެ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން މީހަކު ވަދެ މާރާމާރީ ހިންގާފައިވާ މައްސަލައެއް މިއަދު ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.
މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އާންމުންގެ ބަޔަކު އޭނާ ހިފަހައްޓަން އުޅުމުގެ ތެރޭގައި މަގުމަތީގައި ވެސް ހަމަނުޖެހުންތަކެއް ހިނގިއެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރުކުރި މީހާ ވަނީ ރޭ ދަންވަރުގެ ވަގުތެއްގައިވެސް ހުޅުމާލެ ފޭސް 2ގެ އެމްއޭސީއެލް ޓަވަރުތައް ކައިރީގައި ހުންނަ ފިހާރައަކަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ. އެގޮތުން އެތަނުގެ މުވައްޒަފުންނަށް އިންޒާރުދީ، މާރާމާރީ ހިންގުމުގެ އިތުރުން ފިހާރައިގެ މުދަލަށްވެސް އެމީހާ ވަނީ ގެއްލުން ދީފައެވެ.
ފުލުހުން ބުނީ، މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގައި މިފަދަ މާރާމާރީތަކާއި ބިރުދެއްކުމުގެ ހާދިސާތައް ހިނގަމުންދާތީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.

