ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި އެންމެ ރަނގަޅު އަގެއް ދެވޭނީ އެކަމުގެ ތެރެއަށް މިފްކޯ އަލުން ވެއްދިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށްގެންދާ ”ދަ ޕަލްސް“ ޕޮޑްކާސްޓުގެ އެންމެ ފަހުގެ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ، މިފްކޯއިން ބޮޑުކަންނެލި ގަތުން ހުއްޓާލުމާ ގުޅިގެން އެ ވިޔަފާރި ވަނީ ދަށްވެފައި ކަމަށާއި ބޮޑުކަންނެލި މަސްވެރިންނަށް ވާދަވެރި ބާޒާރެއް ލިބޭނީ މިފްކޯއިން އެ ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވެގެން ކަމަށެވެ. އަދި އެންމެ ރަނގަޅު އަގު ދެވޭނީ އެ ހިސާބަށް ގެންދެވިގެން ކަމަށެވެ.
އެކަން ހާސިލުކުރުމުގެ މަސައްކަތްތައް، ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ބައިވެރިވެވުމާއެކުގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު މަދުވެފައި އޮތް އޮތުމަށްވެސް ބަދަލުތަކެއް ގެންނަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެތައް ބަޔަކަށް ވަޒީފާދެވި، ގިނަ ރައްޔިތުންތަކެއް އެގޮތުގައި ހިފެހެއްޓިފައި ތިބުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ހީނަރުކަން ކުރިމަތިވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ސަރުކާރުގެ ކުންފުނިތައް އޭގެ އެންމެ ރަނގަޅު ސައިޒަށް ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ހެޔޮ އަސަރުތައް މަސްވެރިކަމުގެ ސިނާއަތްވެސް އަދި ރާއްޖޭގެ އިގްތިސާދަށް ވެސް ކުރަން ފަށާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ސަރުކާރާއި ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ސިނާއަތު އޮތީ ވަރަށް ހާލުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ޖުމްލަ ގޮތެއްގައި މުޅި އިގްތިސާދު އޮތީ އަނދަވަޅެއްގައި ކަމަށާއި ހާއްސަކޮށް މަސްވެރިކަމުގެ ސިނާއަތު އޮތީ އަނދަވަޅުގެ އެންމެ ފުނުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުމެންނާއި ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތު އޮތީ ވަރަށް ހާލުގައި، ޖުމްލަކޮށް މުޅި އިގްތިސާދު އޮތީ އަނދަވަޅެއްގައި. މަސްވެރިކަމުގެ ސިނާއަތު އޮތީ އަނދަވަޅުގެ އެންމެ ފުނުގައިކަމަށްވެސް ދެންނެވިދާނެ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހުރި ނުދީ،“ ރައީސް
އެމަނިކުފާނު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ދުއިސައްތަ އެތައް މިލިއަން ރުފިޔާއެއް އޮތީ ނިމިދިޔަ ސަރުކާރުން ނުދީ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން މަސްވެރިންނަށް ހައްގުވާ ފައިސާދީ ހަލާސްކުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބެކްލޮގް ފިލުވުމަށް ގަތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަވިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހުން އެއީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

