2027 އިން 2029 އަށް އެކުލަވާލާ މެދު ރާސްތާގެ ދައުލަތުގެ ބަޖެޓަށް އައު މަޝްރޫއުތަކާއި ހަރަކާތްތައް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހުޅުވާލައިފިއެވެ.
މިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން، ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ދަށުން ހިންގާ އައު ހަރަކާތްތަކާއި މަޝްރޫއުތައް ބަޖެޓުގައި ހިމެނުމަށް ސަރުކާރުގެ އޮފީސްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 18 އޯގަސްޓް 2026 ގެ މެންދުރު 2:00 އެވެ.
މި ބަޖެޓު ތައްޔާރުކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ސަރުކާރުގެ މެނިފެސްޓޯ އާއި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކާ އެއްގޮތަށް، ޕްރޮގްރާމް ބޭސްޑް ބަޖެޓެއް އެކުލަވާލުމަށެވެ. ހުށަހަޅާ ކަންކަމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ނުވަތަ ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅުންހުރި ކަންކަމަށް ވާންޖެހޭނެ ކަމަށް ފައިނޭންސް މިނިސްޓްރީން ބުނެއެވެ.
ދައުލަތުގެ އޮފީސްތަކަށް މި ބަޖެޓުގައި ހިމެނުމަށް ހުށަހެޅިދާނެ ކަންކަމުގެ ތެރޭގައި އަލަށް ފަށަން ގަސްތުކުރާ ހަރަކާތްތަކާއި، މިހާރު ހިންގަމުންދާ ހަރަކާތެއް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ބަޖެޓު ހިމެނެއެވެ.
މީގެ އިތުރުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް، އެ އަހަރު ފެށޭނެ ކަމަށް ނުބެލެވޭތީ 2027 ގައި ފަށަން ނިންމާފައިވާ ކަންކަން ވެސް ހުށަހެޅިދާނެއެވެ. އައު ހަރަކާތްތަކުގެ ތެރޭގައި އާންމު ޚިދުމަތްތައް ގާއިމުކުރުމާއި، މުވައްޒަފުން އިތުރުކުރުމާއި، ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން ޕީ.އެސް.އައި.ޕީ މަޝްރޫއުތައް ކަމަށްވާ އިމާރާތްކުރުމާއި މަގު ހެދުން ފަދަ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހިމެނެއެވެ.
މި މަޝްރޫއުތަކަކީ ދައުލަތުގެ ބަޖެޓުގެ އިތުރުން، ލޯނާއި، ހިލޭ އެހީ، ނުވަތަ ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުން ހިންގާ މަޝްރޫއުތަކަށް ވެސް ވެދާނެއެވެ. ބަޖެޓުން ބޭރުން ފައިނޭންސް ހޯދާ މަޝްރޫއުތަކަށް އެ ފައިސާ ހަމަޖެހިފައިވާކަމުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭއިރު، ކޮންމެ މަޝްރޫއަކާއެކު ނީޑް އެސެސްމަންޓް ރިޕޯޓާއި އަގު ހިނގާނެ ގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ.
2007 އަދި 2009 ގެ ބަޖެޓު އެކުލަވާލުމުގައި މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ބައިވެރިވުން ހިމެނޭހެން ބަޖެޓު ތައްޔާރުކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ކޮންމެ މަޝްރޫއަކީ ތިމާވެއްޓާ ގުޅުންހުރި ކިހާވަރެއްގެ މަޝްރޫއެއްކަން ބަޔާންކުރަންޖެހޭނެއެވެ. މީގެ ސަބަބުން ތިމާވެއްޓާ ގުޅުންހުރި ކަންކަމަށް ޚަރަދުކުރެވޭ މިންވަރު ދެނެގަނެ، އާންމުންނަށާއި ބައިނަލް އަގުވާމީ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކުރުމަށް ފަސޭހަވެގެންދާނެއެވެ.
ކުރިއަށް އޮތް ތިން އަހަރުގެ މުއްދަތަށް އައު ސިޔާސަތުތަކަށް ކަނޑައަޅާފައިވާ ޖުމްލަ ޚަރަދުގެ ސީލިންގަކީ 2.5 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 500 މިލިއަން ރުފިޔާ ރިކަރަންޓް ޚަރަދަށް ޚާއްސަކޮށްފައިވާއިރު، 2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. މި ސީލިންގް ކަނޑައެޅުމުގެ ބޭނުމަކީ އޮފީސްތަކުން މަޝްރޫއުތައް ޕްރައޮރަޓައިޒް ކުރުމަށް ބާރުއެޅުމެވެ. މި ސާކިއުލާގެ ދަށުން ކައުންސިލްތަކާއި ޖުޑީޝަރީގެ އިދާރާތައް އިސްތިސްނާވާނެއެވެ.

