އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް، ހިޒް އެކްސަލަންސީ އެސް. ޕޯލް ކަޕޫރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ މިއަހަރަށް 60 އަހަރު ފުރޭކަން ފާހަގަކުރައްވައި، އެކަމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ. އަދި ފާއިތުވި ފަސްދޮޅަސް އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.
އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިޤުތިޞާދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަރަޙައްދީ ސަލާމަތާއި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އެމެރިކާގެ ފަރާތުން ފާޅުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ”މޯލްޑިވްސް ފަސްޓް“ ސިޔާސަތުގެ ދަށުން، ތަރައްޤީގެ މަޝްރޫޢުތަކާއި އިޤްތިޞާދު ސިންދަފާތުކޮށް، ޤައުމަށް ފައިދާހުރި ކަންކަމަށް ރާއްޖެ އަބަދުވެސް ހުޅުވާލެވިފައިވާ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމަށްވެސް ފައިދާހުރި ކަންކަމުގައި އެކީގައި މަސައްކަތް ކުރުމުގެ ރޫޙު އާކުރައްވަމުންނެވެ. މި ޒިޔާރަތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

