ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޮރްމޫޒް ކަނޑުއޮޅީގައި ތާށިވެފައި ތިބި ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތް އައިއެމްއޯއިން މެދުކަނޑާލައިފި

Image: Google
ޝެއާރކޮށްލާ ކަހަލަދޯ؟

އެކުވެރި ދައުލަތްތަކުގެ (ޔޫއެން) ބައިނަލްއަގުވާމީ މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ)އިން، ހޮރްމޫޒް ކަނޑުއޮޅީގައި ތާށިވެފައި ތިބި 11،000 އަށްވުރެ ގިނަ ފަޅުވެރިން ސަލާމަތްކުރުމަށް ރާވާފައިވާ މަސައްކަތްތައް ކުއްލި ގޮތަކަށް މެދުކަނޑާލައިފިއެވެ.

އައިއެމްއޯއިން މި މަސައްކަތް މެދުކަނޑާލަން ނިންމާފައިވަނީ އެ ސަރަހައްދުން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އަމާޒުވި ނުރައްކާތެރި ހަމަލާއަކާ ގުޅިގެންނެވެ.

އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް ވިދާޅުވި ގޮތުގައި، ބައެއް ބޯޓުފަހަރުގެ ފަޅުވެރިން މިހާތަނަށް ސަލާމަތްކުރެވިފައި ވީނަމަވެސް، މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވަންދެން މުޅި އޮޕަރޭޝަން މަޑުޖައްސާލަން މިހާރު ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ އިދާރާ (ޔޫކޭއެމްޓީއޯ)އިން ހާމަކުރި ތަފްސީލުތަކުގައިވާ ގޮތުން، މި ހަމަލާ އަމާޒުވެފައިވަނީ އޯމާންގެ ދާހިތު ސަރަހައްދާ ގާތްގަނޑަކަށް 14 ކިލޯމީޓަރު ބޭރުން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށެވެ. ބުރާސްފަތި ދުވަހު ނޭނގޭ އެއްޗަކުން ދިން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެ އިދާރާއިން ބުނެއެވެ.

މި ހަމަލާ ދީފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށާއި، އިސްތިރާތީޖީ ގޮތުން މުހިންމު މި ކަނޑުއޮޅި އަލުން ހުޅުވާލުމަށް މިދިޔަ ހަފުތާގައި އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރު އީރާނުން ހަނިކުރީ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެންނެވެ.

ފެބްރުއަރީ މަހުން ފެށިގެން އެމެރިކާއާއި އީރާނުން އެކަކު އަނެކަކަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބޯޓުފަހަރު ވަނީ ކަނޑުއޮޅީގައި ތާށިވެފައެވެ. މީގެ ސަބަބުން އެތައް ހާސް ފަޅުވެރިންނަކަށް ބޯޓުން ނުނިކުމެވިފައި ތިބިއިރު، މި ހަމަނުޖެހުންތަކުގައި މިހާތަނަށް 12 އަށްވުރެ ގިނަ ފަޅުވެރިން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާގެ ރައްޔިތުންނެވެ.

މިފަހަރު ހަމަލާ އަމާޒުވީ ސިންގަޕޫރުގެ ދިދަ ޖަހާފައިވާ ”އެވަރ ލަވްލީ“ ބޯޓަށެވެ. އެ ބޯޓަށް ހަމަލާދިނީ އައިއެމްއޯ އިން އަލަށް ހުށަހެޅި، އޯމާންގެ އައްސޭރިފަށާ ކައިރިން ދަތުރުކުރާ މަގަކުން ދަތުރުކުރަނިކޮށެވެ. މިއީ އީރާނުން ދެކޮޅު ހަދާފައިވާ މަގެކެވެ. ސިންގަޕޫރުގެ މެރިޓައިމް އެންޑް ޕޯޓް އޮތޯރިޓީން ބުނި ގޮތުގައި، ހަމަލާއަށްފަހުވެސް ބޯޓުގެ 21 ފަޅުވެރިންނަށް ގެއްލުމެއް ނުލިބި ދަތުރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަމަލާގެ ޒިންމާ އީރާނުން ރަސްމީކޮށް އުފުލާފައި ނުވިނަމަވެސް، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އިން ވަނީ އޯމާނާއި އައިއެމްއޯ އިން ހުށަހެޅި އާ މަގަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އީރާނުން ބުނާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރެވޭނީ އެ ގައުމުން ކަނޑައަޅާ މަގުތަކުން، އެ ގައުމުގެ ހުއްދައާ އެކުގައެވެ.

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒެމް ގަރީބާބާދީ ވިދާޅުވީ، އީރާނުގެ މަޝްވަރާއާ ނުލައި ހަދާފައިވާ އެއްވެސް އިންތިޒާމެއްގެ ދަށުން ދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތްތެރިކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި މި ހަމަލާއަކީ އީރާނުގެ ހުއްދައާ ނުލައި ދަތުރުކުރާ ބޯޓުފަހަރާ މެދު ފިޔަވަޅުއަޅާނެ ކަމަށް އެ ގައުމުން ދިން އިންޒާރެކެވެ. މިކަމުގެ ސަބަބުން ކަނޑުއޮޅީގެ ދަތުރުފަތުރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އާންމު ހާލަތުގައި ދުވާލަކު 120 އަށްވުރެ ގިނަ ބޯޓު ދަތުރުކުރި ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ދަތުރުކޮށްފައިވަނީ އެންމެ 54 ބޯޓެވެ. މީގެ އިތުރުން، ހަނގުރާމައިގެ ތެރޭގައި ކަނޑުގައި އަޅާފައިވާ މައިންތައް ނެގުމުގެ މަސައްކަތް ނުނިމި އޮތުމަކީވެސް މިވަގުތު އޮތް ބޮޑު ގޮންޖެހުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: