ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން އިތުރު ދެ މީހަކު ހިމަބިހި (މީސަލްސް) އަށް ޕޮޒިޓިވްވެ، މިއަހަރުގެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 22 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އަދި މީގެ ތެރޭގައި ގިނައިން ހިމެނެނީ 18 އަހަރުން މަތީގެ މީހުންކަން އެ އެޖެންސީން ފާހަގަކުރެއެވެ. ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޗް.ޕީ.އޭ އިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން، ބަލިޖެހުނު މީހުންނާ ބައްދަލުވި (ކޮންޓެކްޓުންގެ) ގޮތުގައި 543 މީހަކު ފާހަގަކުރެވިފައިވާއިރު، މީގެ ތެރެއިން އެކްޓިވް 173 ކޮންޓެކްޓުން މިހާރުވެސް ދަނީ މޮނިޓަރ ކުރެވެމުންނެވެ.
ވެކްސިން ދިނުމުގެ ޚާއްޞަ ހަރަކާތްތައް
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އާންމުންނަށް ހުޅުވާލައިގެން ހިންގާ ޚާއްޞަ ވެކްސިން ޕްރޮގްރާމެއް މާދަމާ، 28 ޖޫންގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މިހާރު ކުރިއަށްދާ ފުރަތަމަ މަރުހަލާގައި ވެކްސިން ދެމުންދަނީ ޞިއްޙީ ޚިދުމަތްތެރިންނާއި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަނުކުރާ ކުދިންނަށެވެ.
ވެކްސިން ދިނުމުގެ ދެވަނަ މަރުހަލާ ޖޫން 30 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި މަރުހަލާ އަމާޒުކޮށްފައިވަނީ އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރޭވިފައެވެ.
އެޗް.ޕީ.އޭ އިން ބުނިގޮތުގައި، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ 220 މީހަކަށް މިހާތަނަށް ވަނީ ވެކްސިން ދީފައެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ 1537 ޞިއްޙީ ޚިދުމަތްތެރިންނަށްވެސް ވަނީ ވެކްސިން ދީފައެވެ.
ޞިއްޙީ ނިޒާމު ހަރުދަނާކުރުމާއި ހޭލުންތެރިކުރުން
ހިމަބިހި ފެތުރުން ހުއްޓުވުމަށް ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން ފިޒިކަލް އަދި އޮންލައިން ތަމްރީނު ސެޝަންތަކާއި ރިފްރެޝަރ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އަދި ބަލި ދެނެގަތުމަށް ކުރާ ”ސަވައިލަންސް“ މަސައްކަތްތައް ކުރިއަށްވުރެ ހަރުދަނާކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން އެޗް.ޕީ.އޭގެ މީސްމީޑިއާ ޕްލެޓްފޯމްތަކާއި، ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް ބައްޔާ ގުޅޭ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން، މީޑިއާތަކަށް އަމާޒުކޮށްގެން މި ބައްޔާ ގުޅޭ މަޢުލޫމާތު ރަނގަޅު ގޮތުގައި ގެނެސްދޭނެ ގޮތުގެ ތަމްރީނު ސެޝަނެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

