މަސްތުވާތަކެތީގެ މައްސަލައަކީ ދުނިޔޭގެ އެއްވެސް ގައުމަކަށް ފުރިހަމަ ހައްލެއް ނުވަތަ ”ޓޯޓަލް ސޮލިއުޝަން“ އެއް ހޯދިފައިވާ މައްސަލައެއް ނޫން ކަމަށާއި، އެކަން ރާއްޖެއަށް ވެސް ނުކުރެވުމަކީ ލަދުވެތިވާންޖެހޭ ކަމެއް ނޫން ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާޕާސަން އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިއްދީގު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރަން ފަށާފައިވަނީ މީގެ އެތައް އަހަރެއް ކުރިން ކަމަށާއި، އެކަން ފެށިގެން އައީ ގިނަ ބަޔަކަށް ނޭނގި ތިބެ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ކުރިން ރާއްޖޭގައި އަފިހުން ބޭނުންކުރަމުން އައި ނަމަވެސް، މިހާރު އެއީ މަސްތުވާތަކެތީގެ ބާވަތެއްގެ ގޮތުގައި ކަނޑައެޅިފައިވާ އެއްޗެއް ކަމެވެ.
ސިއްދީގު ފާހަގަކުރެއްވި ގޮތުގައި ދިވެހިންނަށް ނޭނގި ނަމަވެސް މި މައްސަލައިގެ ތެރެއަށް ވަދެވިފައި އޮތުމުގެ ސަބަބުން، މިހާރު ޒުވާނުންގެ ތެރޭގައި މި ވަބާ ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. ދުނިޔޭގެ އެއްވެސް ގައުމަކަށް މިކަމުގައި ފުރިހަމަ ހައްލެއް ލިބިފައި ނެތް ނަމަވެސް، އޭގެ މާނައަކީ ރާއްޖެއަށް އެކަން ނުކުރެވޭނެ ވާހަކަ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
”އެހެންނަމަވެސް އޭގެ މާނަޔަކީ އަހަރެމެންނަށް އެކަން ނުކުރެވޭނެއެކޭ ނޫން. މަސައްކަތް ކުރީމާ އެކަމުގެ ނަތީޖާއާއި ހަމައަށް ވާސިލް ވެވޭނެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ދިމާވާ އެކި ގޮންޖެހުންތައް އެބަހުރި،“ ސިއްދީގު ވިދާޅުވިއެވެ.
މި ސަރުކާރަށް ދެ އަހަރާއި ބައި ވެފައިވާކަން ފާހަގަކުރައްވަމުން ސިއްދީގު ވިދާޅުވީ، ކުރީގެ ސަރުކާރުތަކަށާއި ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ހައްލުނުކުރެވުނު ކަމެއް މި ސަރުކާރަށް ނުވުމަކީ ލަދުވެތިވާންޖެހޭ ކަމެއް ނޫން ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ކަންކަމަށްވުރެ ބޮޑަށް ގޯސް ކަންކަން މުޖުތަމައުގައި ފެތުރިފައި އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ގާނޫނާ ހިލާފަށް އެ މަސައްކަތް ކުރަމުންދާއިރު، ފުރަތަމަ އެ ތަކެތި މީހުންނަށް ދެނީ ބޭނުންކުރުމަށް ހިތްވަރުދީގެން ކަމަށް ސިއްދީގު ވިދާޅުވިއެވެ. އަދި މި މައްސަލައަކީ ފަރުދީ ގޮތުން ކޮންމެ މީހަކު އަމިއްލައަށް އެކަން ހުއްޓާލަން މަސައްކަތް ނުކުރާނަމަ، އެ ބަޔަކު ރައްކާތެރިކުރަން އުނދަގޫ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

