ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ޑޮލަރުގެ އަގު އުފުލެމުން ދިއުމުގެ މައްސަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ހޫނުވެ މެމްބަރުންގެ މެދުގައި ހޫނު ބަހުސްތަކެއްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި، ބޭރުގެ ދަރަނިތައް މެނޭޖުކުރުމާއި ގުޅޭގޮތުން ކުރި ބަހުސް ހޫނުވީ މިއީ އެމްޑީޕީން ރާއްޖެ ވައްޓާލި އަނދަވަޅެއްކަމަށް ބުނެ ފެށުނު ބަހުސްތަކުންނެވެ. ބަޖެޓުގެ ނަތީޖާ ބަޔާން 2025 އާއި ގުޅޭގޮތުން އޮތް މިއަދުގެ ބައްދަލުވުމުގައި ސަރުކާރުން ބޭރުގެ ލޯނުތައް މެނޭޖުކުރާ ގޮތާއި، ބޭރު ފައިސާގެ ރިޒާވްގެ ހާލަތުގެ އިތުރުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާކަމަށް ބުނެ އެމްޑީޕީގެ މެމްބަރުން ވަނީ ޕީއެންސީއަށް ރައްދު ދީފަ އެވެ.
ބަހުސް ފެށުމުގެ ކުރިޔަށް، ކޮމިޓީގައި އަޑުގަދަ ކުރައްވައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ. އަދި ފުރުސަތު ދިނުމުން ޣަފޫރު ވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިހާތަނަށް ލިބުނުކަމަށް ބުނާ ކާމިޔާބީތަކާއި މެދު ސުވާލު އުފައްދާފަ އެވެ. ޣަފޫރު ތުހުމަތު ކުރެއްވި ގޮތުގައި ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގެ ބަދަލުގައި، ސަރުކާރުން ކުރަމުންދާ ކަމަކީ އިތުރު ލޯނު ނަގައިގެން އެ ދަރަނިތައް ރީޝެޑިއުލް ކުރުމެވެ.
ޣަފޫރު ވަނީ ޗައިނާގެ ލޯނުތައް ދެއްކިތޯ ނުވަތަ އަލުން ލޯނު ނަގައިގެން ރީޝެޑިއުލް ކުރީތޯ ސާފުކޮށްދިނުމަށް ކޮމިޓީ ބައްދަލުވުން ޗެއާރ ކުރެއްވި ނައިބު މުގައްރިރު، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމަށް އަމާޒުކޮށް ސުވާލު ކުރައްވާފަ އެވެ.
ހަމަ އެއް ތަނުން ލޯނު ނަގައިގެން އަނެއް ލޯނު ދައްކަނީ. ލޯނު ނަގައިގެން ލޯނު ދައްކަނީ. ދެން ކޮން ވާހަކައެއްތޯ ދައްކަނީ؟ ބަލަ، ލޯނު ނަގައިގެންނޭ ލޯނު ދައްކަނީ.. މި ކުރާ ސުވާލަށް ޖަވާބު ދީބަލަ.. އެމްއެމްއޭގެ ތެރޭގައި ހުރި ހުރިހާ ޑޮލަރެއް ކަތުރުފަނި ކެއިތޯ؟ މިހާރު 21 އެރީ ކީއްވެގެންތޯ އޭ؟ ކަލޭމެން ޗާޕު ނުކުރާ ވާހަކަ ދައްކަނީ. ބަލަ އެމްޑީޕީ ވެރިކަމުގަ ތިބުނާ އެއްޗެއް ނަގައިގެން، އެމްޑީޕީ ވެރިކަން ނިމިގެން މި ސަރުކާރު އައި އިރުގަ 17 އަށް ޑޮލަރު ލިބޭ މި ގައުމުގަ. މިހާރު 21 އަށް އަރައިގެން މިއުޅެނީ ކީއްވެގެން ހެއްޔޭ؟ އެމްއެމްއޭގަ ހުރި ޑޮލަރުތަކެއް ގެއްލުނީ ހެއްޔޭ؟ ވަގަށް ގެންދިޔައީ ހެއްޔޭ ބަޔަކު؟ ކޮން ގަބޫލެއް ކުރާކަށް.. އަނގަޔާ އަތަކާ ރައްޔިތުންނަށް ދިމާލެއް ނުވެ މިތާކު.. ދެން ފޮނިކަނޑަނީ ތީ..
ޣަފޫރު ފާހަގަކުރެއްވީ، ހަގީގަތުގައި ފެންނަނީ އެއްތާކުން ލޯނު ނަގައިގެން އަނެއް ތަނަށް ދައްކާ މަންޒަރު ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ބޭންކު ރޭޓުގައި ލިބެމުން ދިޔަ ޑޮލަރުގެ އަގު 21 ރުފިޔާއަށް އަރާފައި ވަނީ ކޮން ސަބަބަކާއި ހުރެތޯ ވެސް ޣަފޫރު ސުވާލު އުފެއްދި އެވެ. ޣަފޫރު ވިދާޅުވީ ރައްޔިތުންނަށް އަތާއި އަނގަ ދިމާނުވެގެން އުޅޭއިރު، މާލިއްޔަތު ކޮމިޓީގައި ތިއްބަވައިގެން ސަރުކާރު މެންބަރުންގެ މަސައްކަތަކީ ހަމައެކަނި ”ފޮނިކެނޑުން“ ކަމަށެވެ.
ޣަފޫރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ސަލީމް ވިދާޅުވީ ލޯނު ނެގުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ ހުރިހާ ގައުމުތަކަކާއި ވިޔަފާރިތަކުންވެސް ކުރަމުންދާ ކަމެއް ކަމަށެވެ. ނަމަވެސް މައްސަލައަކަށް ވަނީ ލޯނު ނުދެއްކޭ ވަރަށް ދަރަނި ބޮޑުވެ، އަހަރެއްގެ މައްޗަށް އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭ ހިސާބަށް ކަންކަން ދިއުމުންކަމަށް ފާހަގަކުރެއްވިއެވެ. ސަލީމް އިތުރަށް ވިދާޅުވީ ލޯނު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ކުރިމަގަށް ނުވިސްނާ ބޮޑެތި އަދަދުތަކުން ލޯނު ނެގުމުގެ ސަބަބުން 2026 ވަނަ އަހަރާ ހަމައަށް ދާއިރު ދަރަނި ދެއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
ލޯނުގަ މަސްލަ މި ޖެހޭ ހިސާބަކީ ލޯނު ނުދެއްކޭ ވަރަށް ލޯނު ނުދެއްކޭ ވަރަށް އަހަރެއްގެ މައްޗަށް އެއް ބިލިއަނުން ދައްކަން ޖެހޭ ދަރަޖައަށް ދިޔުމުން.. މީ އަސްލު މަސްލައަ.ކީ. އެހެން ނޫނީ އަހަރެއްގެ މައްޗަށް 500 މިލިއަން ޑޮލަރޯ، 400 މިލިއަން ޑޮލަރޯ، 3000 މިލިއަން ޑޮލަރޯ މިހާވަރަށް ދައްކަން އޮންނަ ނަމަކަ ލޯނު ނަގައިގެން ޖެހޭނެ މާ ބޮޑު މަސްލައެއް ތަކެއް ނޫނޭ. ލޯނު އޭގެ ޒާތުގަ އެއީކީ މުހިންމު ކޮންމެ ކަމަކަށް ވެސް.
ކޮމިޓީގައި ފުރުސަތަކަށް އެދިވަޑައިގެން ދެން ވާހަކަ ދެއްކެވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. ތަފާސްހިސާބުތަކުން މެމްބަރުންނަށް ރައްދު ދެއްވައި މަމްދޫހު ވިދާޅުވީ އާންމު ރައްޔިތުންނަށް އޮޅޭ ގޮތަށް ކޮމިޓީގައި ދޮގު މައުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، ފެންނަން ހުރި ހިސާބުތަކުން ހަގީގަތް ސާފުވާން އެބައޮތް ކަމަށެވެ. މަމްދޫހު ހާމަކުރެއްވި ގޮތުގައި 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ޔޫސަބަލް ރިޒާވްގައި 281.4 މިލިއަން ޑޮލަރު ހުރި ނަމަވެސް، އެމްޑީޕީގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު އެ އަދަދު ވަނީ 183.9 މިލިއަން ޑޮލަރަށް ދަށްވެފައެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް 1.29 ބިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާއިރު ވެސް، ޔޫސަބަލް ރިޒާވް ވަނީ 156.7 މިލިއަން ޑޮލަރަށް އިތުރުވެފައިކަމަށް މަމްދޫހު ވިދާޅުވިއެވެ.
މީގެ އިތުރުން މަމްދޫހު ވިދާޅުވީ 2023 ވަނަ އަހަރު ކޮވިޑްގެ ހާލަތުން އަރައިގަނެ، ރިކަވަރީ ހާލަތުގައި އޮތްއިރު ވެސް، ހަމައެކަނި ފެނަކައިން މުސާރަ ދިނުމަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންކޮށްފައިވާ ކަމަށެވެ. މަމްދޫހު ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީން ވަނީ އަށް ބިލިއަން ރުފިޔާ ޗާޕުކޮށް، އެމްއެމްއޭގެ ތެރޭގައި ހުރި ހަތް ބިލިއަނާއެކު ޖުމްލަ 15 ބިލިއަން ރުފިޔާ ނިޒާމުގެ ތެރެއިން ބޭރުކޮށްފައެވެ.
2018 ގައި އެމްޑީޕީން ވެރިކަމާ ޙާވާލުވީއިރު ގައިގަނޑަކަށް 281.4 މިލިއަން ޑޮލަރު ޔޫސަބަލް ރިޒާވްގަ ހުރީ. އެހެންނަމަވެސް އެދިޔަ މުއްދަތުގެ ތެރޭގައި އެ އަދަދު ހަގީގަތުގައި ދަށްވެގެން ދިޔައީ. ގާތްގަނޑަކަށް 187.90 މިލިއަން ޑޮލަރު އެމްޑީޕީގެ ވެރިކަމުގަ ޔޫސަބަލް ރިޒާވް ވެރިކަން ނިމިގެން ދިޔަ އިރު ފަސް އަހަރުގެ ތެރޭގަ ދިޔައީ ދަށްވެގެން. ދެން އެހެން ނަމަވެސް ދެން މިއޮތީ މި ވެރިކަން.. ރައީސް ޑރ. މުޙާާއްމަދު މުޢީއްޒުގެ މިވެރިކަމުގަ ދައުރު ދެބައިވީއިރު އެ އަދަދު އިތުރުވެފަ އިންނާނެ ޔޫސަބަލް ރިޒާވްއަށް ގާތްގަނޑަކަށް 156.70 މިލިއަން ޑޮލަރު. މާނައަކީ އެމްޑީޕީގެ ފަސް އަހަރުގެ ދައުރު ނިމިގެން ދިޔަ އިރު ވެރިކަން ޙާވާލުވީއިރު އެމްޑީޕީއަށް މި ޔޫސަބަލް ރިޒާވްގަ ހުރި ފިގާއިން ގާތްގަނޑަކަށް 187.90 މިލިއަން ޑޮލަރުން ދަށްވެގެންނޭ ދިޔައީ.
މަމްދޫހު ވިދާޅުވީ އެ ހާލަތުގައި އޮތް އިގްތިސާދަކާއި ހަވާލުވެ، މި ސަރުކާރުން އެއްވެސް ދަތިކަމެއް ނެތި ބަރާބަރަށް މުސާރަ ދެމުންދާކަމަށާއި، މުސާރަ ބޮޑުކޮށް އެއް ހަމަކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ. ރާއްޖެއަށް އިގްތިސާދީ ގޮތުން މިވަގުތު ކުރިމަތިވެފައިވާ ކޮންމެ ގޮންޖެހުމަކީ އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި ހިންގި ބޮޑެތި އިހުމާލުތަކުގެ ނަތީޖާކަމަށް މަމްދޫހު ވިދާޅުވި އެވެ.
ބަހުސްގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ މިއީ އެކަކު އަނެކަކަށް ހަޅޭއްލަވަންވީ ވަގުތެއް ނޫންކަމަށާއި، ގައުމުގެ ހަގީގީ ހާލަތަށް ކުރިމަތިލާން ޖެހޭ ކަމަށެވެ. ގައުމުގައި މިއަދު ފައިސާއެއް، ޑޮލަރެއް ނެތްކަން ބޭންކް އޮފް މޯލްޑިވްސްއިން ފެންނަން އޮތްކަމަށް އޭނާ ވިދާޅުވިއެވެ. ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި 2024 ގެ އެޕްރިލް މަހަކީ ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑަށް ރިޒާވް ވެއްޓުނު މަހެވެ. އެގޮތުން ރިޒާވް 371 މިލިއަނަށް ވެއްޓި، އެއީ އިމްޕޯޓަށް ބޭނުންވާ އެންމެ 0.8 މަސްދުވަހުގެ ފައިސާކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ ބޭރުން ފައިސާ ނުލިބުމުގެ ސަބަބުން އެތެރޭގެ ބޭންކުތަކުން ފައިސާ ނަގައި، އެ މުއައްސަސާތައް މިހާރު ހުރީ ފެއިލްވާ ހިސާބުގައިކަމަށް ވޯލްޑް ބޭންކުން ބުނާ ކަމަށެވެ.
އަޅުގަނޑުމެން މިތާގަ ދެން މީ އެއްބަޔަކަށް އަނެއްބަޔަކަށް ހަޅޭއްފަޅޭއް ޖަހާކަމެއްނޫން މިތާކު ނުހިނގާ. އަޅުގަނޑުމެންނަށް ރިއަލިޓީ ހިޓުވާންޖެހޭ. އަޅުގަނޑުމެންނަށް އެނގޭ ގައުމުގަ މިއަދު ފައިސާއެއް ނެތްކަން، ޑޮލަރެއް ނެތްކަން ނެތް އެއްޗެއް ނެތީމަ ބުނީމަ ނިމުނީ. ކޮންމެހެން ރައްޔިތުންނަށް އޮޅުވާލައިގެން އަޅުގަނޑުމެންނަށް ލިބޭނެ ވަކި މޮޅެއް ނެތް.
ޓެކްސްގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައުލަތަށް ދީފައިވާއިރު، އަދި އާމްދަނީ 32 ބިލިއަނުން 40 ބިލިއަނަށް އިތުރުވެފައިވާއިރު ވެސް ރައްޔިތުންނަށް ދަތިވެގެން އުޅެނީ ކީއްވެގެންތޯ ބަލަންޖެހޭކަމަށް ޝަމްހީދު ވިދާޅުވި އެވެ. ޝަމްހީދުގެ ވިދާޅުވީ އޭނާގެ ނަޒަރުގައި އަސްލު މައްސަލައަކީ ދަރަންޏަށްވުރެ ބޮޑަށް ރިކަރެންޓް ހަރަދު ބޮޑުވުން ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރު އައިފަހުން މުސާރައާއި ޕެންޝަނަށް ކުރާ ޚަރަދު ފަސް ބިލިއަނުން އަށް ބިލިއަނަށް އިތުރުވެފައިވާ ކަމަށާއި، މިއީ ކޮމިޓީން ސީރިއަސްކޮށް ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅުވައި ބޮޑެތި ބަހުސްތައް ކުރެވޭއިރު، ސަރުކާރުން ވަނީ މިއީ ބޮޑެތި ދަރަނިތައް ނަގައި މެނޭޖު ނުކުރުވުމުގެ ނަތީޖާކަމަށް ބުނެފަ އެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގައި ބަޖެޓުން ބޭރުން ބްރޮޖެކްޓުތައް ހަވާލު ކުރުމާއި، ފައިސާ ޗާޕުކޮށް ބޮޑެތި އަދަދުތަކުން ދަރަނި ނަގާފައިވާކަން ފާހަގަކުރި އެވެ.

