ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނގިރޭޓު ޑިއުޓީ ބޮޑުކޮށް، ވޭޕް މަނާކުރުމުން ވަގު ވިޔަފާރީގެ ހަބެއް އުފެދިގެން ދިޔަ: އަމީން

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާއި ވޭޕް މަނާކުރުމަށް ނިންމި ނިންމުމަކީ އެއްވެސް ދިރާސާއެއްގެ މައްޗަށް ބިނާނުވެ، ”ރަބަރު ސްޓޭމްޕް“ ޖަހައިގެން ނިންމި ނިންމުމެއްކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އަމީން ވިދާޅުވީ މީގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ބިލިއަނުން އާމްދަނީ ގެއްލި، ވަގު ވިޔަފާރި އިންތިހާއަށް ފުޅާވެފައިވާކަމަށެވެ. އަމީން ވިދާޅުވީ ބަޖެޓު ފާސްކުރިއިރު، ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށްގެން 1.3 ބިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ލިބޭނެކަމަށް އަންދާޒާކުރި ކަމަށެވެ. ނަމަވެސް، މިއަދުގެ ހަގީގަތަކީ އެ ފައިސާ ދައުލަތަށް ނުލިބި، ސިނގިރޭޓް ޑިއުޓީން އެކަނިވެސް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ގެއްލިފައިވުންކަން އަމީން ފާހަގަކުރެއްވި އެވެ.

އަމީން ވިދާޅުވީ، ކުއްލިއަކަށް މިފަދަ ބޮޑު ބަދަލެއް ގެނައުމުން ނިކުންނާނެ ނަތީޖާ އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ފެންނަން އެބައޮތް ކަމަށެވެ. އެ ގައުމުގައި ވެސް ޑިއުޓީ ބޮޑުކުރުމުން، ކޮލިޓީ ދަށް ސިނގިރޭޓު ވަގަށް އެތެރެކުރުން އިތުރުވެ، ދުންފަތުގެ އިސްތިއުމާލުކުރުން ކުރިއަށްވުރެ ނުރައްކާވިކަން ފާހަގަކޮށް އަމީން ވިދާޅުވީ ދުންފަތަކީ ބައެއްގެ އާދައެއްކަމަށާއި މިއީ އަގަށް ގެންނަ ބަދަލަކުން ހުއްޓުވޭނެކަމެއް ނޫންކަމަށއެވެ.

ދުންފަތަކީ އެޑިކްޝަނެއް. ނަސޭހަތް ދިނަސް، ނުވަތަ އަގު ބޮޑުކުރިޔަސް ކުއްލިއަކަށް މީހަކު އެކަމަކުން މިންޖެއް ނުވާނެ. އެކަމަށް ފަރުވާއާއި ވަގުތު ބޭނުންވޭ. މި ސަރުކާރުން ބެލީ ކުއްލިއަކަށް އަގު ބޮޑުކޮށްގެން އާމްދަނީ އިތުރުކުރަން، އެކަމަކު ވީ އިދިކޮޅަށް.. މިއަދުވެސް ވޭޕް ރާއްޖެއިން ގަންނަން އެބަހުރި. އެކަމަކު އޭގެ އެއްވެސް ފައިދާއެއް ދައުލަތަކަށް ނުލިބޭ. މުޅި ފައިދާ ވަންނަނީ ވަގު ވިޔަފާރި ކުރާ މީހުންގެ ޖީބަށް.. މިއީ ހަމަ ކޮފީ މޭޒެއްގައި ތިބެލާފައި ނިންމި ނިންމުމެއް. އެއްވެސް ޕަބްލިޝް ކުރެވިފައިވާ ދިރާސާއެއް ނެތް. މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން، އޭރުގެ މަޖިލީހުގެ ނައިބު ރައީސް ފަދަ ބޭފުޅުންގެ ޚިޔާލަށްވެސް ބެލުމެއް ނެތި، ބިލު އޮތް ގޮތަށް ފާސްކޮށްލުމުގެ ހިތި ނަތީޖާ މިއަދު މި ފެންނަނީ

ވޭޕް މަނާކުރުމުގެ މަރުހަލާ ކުރިޔަށް ގެންގޮސްފައި ވަނީ އަމީން ވިދާޅުވި ގޮތުގައި އެ ވިޔަފާރި ކުރާ ފަރާތްތަކަށް އެއްވެސް މުއްދަތެއް ނުދީ ކުއްލި ގޮތަކަށެވެ. އަދި ގަނޫނަށް ބަދަލު ގެނެސް އެޅި ފިޔަވަޅުގެ ސަބަބުން ވިޔަފާރިވެރިންނަށް 600 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާކަމަށް އަމީން ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ވެސް އަސަރުކުރިކަމަށާއި، ފަތުރުވެރިން ގެންނަ ވޭޕްތައް ހިފަހައްޓަން ފެށުމުން ބުކިންތަކަށް ބަދަލު އައިކަމުގެ ޝަކުވާ ލިބުނުކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އަމީން ވިދާޅުވީ ވޭޕް ވިޔަފާރިއަށް ޒުވާނުން ބޭނުންކޮށްގެން މުދާ އެތެރެކުރުމުގެ މަސައްކަތްތައް ފުޅާވަމުންދާކަމަށެވެ. އެގޮތުން ބޮޑެތި ވިޔަފާރިވެރިން ޒުވާނުންނަށް މެލޭޝިއާ ޓިކެޓާއި ހުރުން ހަމަޖައްސައިދީ، ޕޮކެޓް މަނީ ފޮނުވައިގެން މުދާ އެތެރެކުރާއިރު، ކަސްޓަމުން އެ އެއްޗެހި އަތުލައިގަތުމުން ޖޫރިމަނާ ކުރަނީ އެ ޒުވާނުން ކަމަށެވެ. ޒުވާނެއގެ ބޮލުގައި 3 މިލިއަން ނުވަތަ 12 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އެޅުމަކީ އަމީން ވިދާޅުވި ގޮތުގައި އޭނާގެ މުޅި ދިރިއުޅުން ހަލާކުވުމެވެ. އަދި މި ފައިސާ ހޯދޭނެ ގޮތެއް ނެތްކަން މަޖިލީހުގެ ކޮމިޓީގައި ކަސްޓަމްސް ވެސް އެއްބަސްވެފައިވާކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ތުހުމަތުކުރެއްވި ގޮތުގައި، ވޭޕާއި ދުންފަތާއި ގުޅޭ ވަގު ވިޔަފާރި ހިނގަނީ ސަރުކާރަށް އެކަން ވަރަށް ރަނގަޅަށް އެނގިގެންނެވެ. އަދި ކޮން އުޅަނދުތަކެއްގައި ކިހާ އަދަދެއްގެ މުދާ އެތެރެވާކަން ރިޕޯޓުކުރުމުން ވެސް ފިޔަވަޅު އަޅާފައި ނުވާކަމަށާއި، މިކަމުގައި ނަން މަޝްހޫރު އެތައް ބަޔަކު ބައިވެރިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ބަދަލުތައް ގެނައީ އެއްވެސް ލިޔެކިޔުމެއް ނުވަތަ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށް އަމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: