ސަޢޫދީ ޢަރަބިއްޔާގެ އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، އެތައް ބައެއްގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ހާދިސާގެ ސަބަބުން ސަޢޫދީއަށް ލިބުނު ހިތާމައިގައި ދިވެހިރާއްޖެއިން ބައިވެރިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ދިވެހި ސަރުކާރާއި، ރައްޔިތުންނާ އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސަޢޫދީގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށާއި، ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް ރައީސް ވަނީ ތަޢުޒިޔާ ރައްދުކުރައްވާފައެވެ. މީގެ އިތުރުން، މިފަދަ އުނދަގޫ ދަނޑިވަޅުތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ތަޢުޒިޔާގެ މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ހާދިސާގައި ފުރާނަގެއްލުނު މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާފައެވެ. ”މި ހާދިސާގައި ފުރާނަގެއްލުނު މީހުންގެ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެ، އެ އާއިލާތަކަށް މިކަމުން އަރައިގަތުމުގެ ހިތްވަރާއި ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަން،“ ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

