ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ އަގު ތިރި ނުވަނީ ދަރަނި އަލުން އެކުލަވާލުމުގެ ޕްރޮގްރާމެއް ނެތުމުން: ރައީސް ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ދަށްނުވަނީ ދަރަނި އަލުން އެކުލަވާލުމުގެ (ޑެޓް ރީސްޓްރަކްޗަރިންގ) ޕްރޮގްރާމެއް ނެތި، ދައުލަތުން ޚަރަދުކުރާ މިންވަރު ދަށްނުވާތީ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ޑޮލަރުގެ އަގު ދަށް ނުވަނީ ކީއްވެތޯ ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުން ސުވާލުކުރަން ފެނިވަޑައިގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވުމާ ގުޅިގެންނެވެ. މިނިސްޓަރު ސައީދު ވަނީ ރާއްޖެ ދަރަނިވެރިކޮށް އިގުތިސާދު ބަނގުރޫޓުކޮށްލީ ކުރީ ސަރުކާރުން ކަމަށް ތުހުމަތުކުރައްވާފައެވެ.

މިކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރުގެ އަގު ހިފެހެއްޓުމަށްޓަކައި ދަރަނި އަލުން އެކުލަވާލުމުގެ ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ޑޮލަރުން ކުރާ ޚަރަދުތައް ކުޑަނުކޮށް ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދަކީ އިތުބާރު އޮތް ތަނަކަށް ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުން އެކަން ކުރުމުގައި ނާކާމިޔާބުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައީ ޑޮލަރުގެ ކަޅުބާޒާރު ނިމުމަކަށް ގެނެސް، ޑޮލަރުގެ މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ވައުދާއެކުގައެވެ. އެހެންނަމަވެސް، ސަރުކާރަށް ދެ އަހަރު ފުރި ތިން އަހަރާ ގާތްވަމުން އަންނައިރުވެސް ޑޮލަރު ލިބުމުގެ ދަތިކަން އާންމުންނަށް ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން، އިންފްލޭޝަން މަތިވެ ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ދިއުމުގެ ކަންބޮޑުވުން ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: