ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭރީގެ މަރު: މާވިން 25 އަހަރަށް، ލަމްހާ 15 އަހަރަށް ޖަަލަށް!

މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ލަމްހާއާއި، މޭރީގެ ފިރިމީހާ މާވިން އެސްވައި/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މއ. އުދުހޭކޮކާގޭގެ ތެރޭގައި މަރާލި އައިޖީއެމްއެޗްގެ ޑަޔަލަސިސް ޑިޕާޓްމެންޓުގައި މަސައްކަތްކުރަމުން ދިޔަ ނަަރުސް މޭރީ ގްރޭސް ޕިނެޑާ މަރާލި މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން ވާގަސް 25 އަހަރަށް ޖަލަށް ލައި މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

21 އޮކްޓޯބަރު 2021 ވަނަ ދުވަހު، މޭރީ އާއި މާވިން ދިރިއުޅުނު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި މޭރީ ދަންޖެހިގެން މަރުވެފައިވާކަމަށް ބުނެ މާވިން ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތު ދިން ނަމަވެސް، އެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފެށިއެވެ. މޭރީ މަރުވި ކަމަށް މާވިން ބުނި ސަބަބާއި ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވި ސަބަބު ދިމާނުވާއިރު، މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާ ގުޅިގެން މޭރީ މަރާލާފައިވާ ކަމަށް ތަހުގީގުގެ ހޯދުންތަކުން ހާމަވިއެވެ.

އެ މައްސަލައިގައި މާވިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް އަދި ލަމްހާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވާކަމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާއިރު، މިއަދު އޮތީ އެ ދެ މީހުންގެ މައްޗަށް އަދަބު ކަނޑައަޅައި، ހުކުމްކުރުމުގެ އަޑުއެހުމެވެ.

މިއަދު އޮތް އަޑުއެހުމުގައި ދައުލަތުން އެދުނީ މާވިންގެ މައްޗަށް ކަނޑައެޅެން އޮތް އެންމެ ބޮޑު އަދަބެއް ކަނޑައަޅައިދިނުމަށެވެ. އެގޮތުން އަދަބުގެ ދަރަޖަ މަތިކޮށް 25 އަހަރުގެ ހުކުމެއް އިއްވުމަށް އެދުނެވެ. މާވިންގެ ވަކީލު ވަނީ މާވިން އަކީ ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން އާއިލާއެއް ބިނާކުރަމުންދިޔަ، ކުށުގެ ރެކޯޑެއް ކުރިން ނެތް އަދި މިހާރު އިސްލާމް ދީން ގަބޫލުކޮށްފައިވާ ފަރާތަކަށް ވާތީ އޭނާއަށް އެންމެ ލުއި އަދަބު ދިނުމަށް އެދިފައެވެ.

މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނަސީރު ނިންމެވީ އަދަބުގެ ދަރަޖަ މަތިކޮށް، އެންމެ ބޮޑު އަދަބު ކަމަށްވާ 25 އަހަރު ދުވަހުގެ ހުކުމެއް ކުރުމަށެވެ. ނަމަވެސް، މާވިން ޖަލުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ބާކީ އޮތީ 20 އަހަރާއި ތިން މަހާއި 26 ދުވަހެވެ.

ލަމްހާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުމުގައި ވެސް ދައުލަތުން އެދުނީ އޭނާގެ މައްޗަށް ކަނޑައެޅެން އޮތް އެންމެ ބޮޑު އަދަބެއް ކަނޑައަޅައިިދިނުމަށެވެ. ލަމްހާގެ ފަރާތުން އެދުނީ އޭނާގެ މަންމައަށް އުމުރުން ދުވަސްވެފައިވާތީ ޖަލު އަދަބެއްގެ ބަދަލުގައި ގޭ ބަންދު ނުވަތަ ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިދިނުމަށެވެ. އަދި އޭނާ އަކީ މަސައްކަތްކޮށްގެން މަންމައަށް އެހީތެރިވެވޭނެ މީހެއް ކަމަށް ބުނެފައިވެއެވެ.

ގާޒީ މުޒައްމިލް ނަސީރު ނިންމެވީ ލަމްހާގެ މައްޗަށް ޖުމްލަ 15 އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ނަމަވެސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށަށް އޭނާ ތަންފީޒުކުރަން ޖެހޭނީ 11 އަހަރާއި 10 މަހާއި ފަސް ދުވަހެވެ.

މޭރީގެ ލޭގެ ސާމްޕަލްތަކުން ވަގުތުކޮޅަކަށް މީހަކު ޕެރަލައިޒްކޮށްލަން ބޭނުންކުރެވިދާނެ ”ސަބްސިނަލްކޯލިން“ ފެނިފައިވާއިރު، ”ސަބްސިނަލްކޯލިން“ ފުޅިއަކާއި އިންޖެކްޝަނެއް ލަމްހާގެ ގެއިން ފެނިފައިވެއެވެ. އައިޖީއެމްއެޗްއިން ބޭރަށް ގެންދިޔުން ހުއްދަ ނޫން އެ ބޭސް ލަމްހާގެ ގެއިން ފެނުނު މައްސަލައިގައި ދައުލަތުން އުފުލި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާގެ އަދަބަކަށް ތިން މަހުގެ ހުކުމެއް ވެސް އިއްވާފައިވެއެވެ. އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި އެއް މަހުގެ އަދަބެއް ވަނީ ކަނޑައަޅައިފައެވެ.

ޝަފަހީ 74 ހެއްކާއި 36 ކިތާބީ ހެއްކާއެކު ދައުލަތުން ދައުވާކުރި މި މައްސަލައިގައި ޝަރީއަތުން ސާބިތުވެފައިވަނީ މޭރީ މަރާލީ މާވިން ކަމާއި އެކަން ކުރަން މާވިން އާއި ލަމްހާ ހީލަތްތެރި ރޭވުމެއް ރާވާފައިވާ ކަމެވެ. އަދި މާވިން އާއި ލަމްހާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި، ފިލިޕީންސްގައި ކައިވެނިކުރުމަށްފަހު ވަރިނުކުރެވޭތީ އެ ދެ މީހުން ކައިވެނިކުރަން އޮތް ހުރަހަކީ މޭރީކަން ކްރިމިނަލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ދެ މީހުންގެ ޗެޓްލޮގްތަކުން ވެސް އެކަން ސާބިތުވާކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: