ދައުލަތުން ދޫކޮށްފައިވާ ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ، އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ކުރާ އިތުބާރު ވަރުގަދަވުމަށް މަގުފަހިވި ކަމެއް ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންތިޒާމުކޮށްގެން އަލަށް ތަޢާރަފުކުރި ”މޯލްޑިވްސް ފައިނޭންޝިއަލް ސެކްޓަރ އެވޯޑްސް“ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ސުކޫކް އަނބުރާ ދެއްކުނީ ދުރާލައި ރޭވުނު މާލީ ރޭވުންތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
”ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ ހިކުމަތްތެރިކަމާއެކު ރޭވުންތައް ރާވައި، މާލީ އިދާރާތަކުގެ މެދުގައި ބަދަހި ގުޅުމެއް ބާއްވައި ރާއްޖެއަށް އެންމެ ފައިދާހުރި ނިންމުން ނިންމުމުގެ ނަތީޖާ،“ ވަޒީރު ވިދާޅުވިއެވެ.
ސުކޫކް ދެއްކުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ދަށްވެފައިވާ ކަމަށާއި، އެ އަދަދު ދަނީ ދުވަހުން ދުވަހަށް ކުޑަވަމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަން ފާހަގަކުރައްވައި، މިއީ އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުގެ އިތުބާރު ރާއްޖެއަށް އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި މި މަސައްކަތުގައި އެމް.އެމް.އޭ އިން ސަރުކާރަށް ދިން އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. އިގްތިސާދީ އަދި މާލީ ކަންކަމުގައި މާލީ ވުޒާރާއާއި އެމް.އެމް.އޭ އިން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި، ގައުމުގެ މާލީ ހަމަޖެހުމާއި ދެމެހެއްޓެނިވި ކުރިއެރުން ކަށަވަރުކުރުމަށްޓަކައި މި ދެ މުއައްސަސާއިން ގުޅިގެން މަސައްކަތްކުރުން ކުރިއަށް ގެންދަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، މާލީ ނިޒާމު ވަރުގަދަކޮށް އިގްތިސާދީ ވިލުންވެރިކަން އިތުރުކުރުމަށްޓަކައި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ވަޒީރު ގޮވާލެއްވިއެވެ. ބައެއް ފަހަރު މާލީ ސިޔާސަތުތައް އެކުލަވައިލުމުގައި އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ނަމަވެސް، އެއީ ގައުމީ މަސްލަހަތާއި އަންނާން އޮތް ޖީލުތަކުގެ ލާބައަށްޓަކައި ކޮންމެހެން ބޭނުންތެރި ނިންމުންތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، އިގްތިސާދީ ބިންގާ ވަރުގަދަކުރުމަށާއި، މާލީ ވައުދުތައް ފުއްދުމަށްޓަކައި އެމް.އެމް.އޭ އާއި އެހެނިހެން ކަމާބެހޭ ފަރާތްތަކާއެކު ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

