ބަރަހަނާ ފޮޓޯތަކެއް ބޭނުންކޮށްގެން މީހަކު ބްލްކްމެއިލްކޮށް 300،000ރ. ހޯދި ކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ކަމަށް ހައިކޯޓުން ވެސް ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ސ. ފޭދޫ، ލިލީގަސްދޮށުގެ، ފަވާޒް ލުތުފީ ސްނެޕްޗެޓުން ވަގު އައިޑީއެއް ހަދައިގެން، އޭނާ އަކީ އަންހެނެއް ކަމަށް ދައްކައި ހަގީގަތް އޮޅުވާލައިގެން، މީހަކާ ސްނެޕްޗެޓުން ޗެޓުކޮށް، ބަރަހަނާ މަންޒަރު ފޮނުވުމަށް އެދި އެފަދަ ފޮޓޯތަކާއި ވީޑިއޯތައް ފޮނުވުމުން އެ އެ ފޮޓޯ އަދި ވީޑީއޯތައް އެހެން ފޯނަކުން ވީޑިއޯކޮށް، އެ މީހާ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން ބްލެކްމެއިލްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
އެ މައްސަލައިގައި ދައުލަތުން ފަވާޒްގެ މައްޗަށް ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އުފުލި ބްލްމެއިލްކުރުމުގެ ދައުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި މި އަހަރުގެ އޭޕްރިލް 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފައެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް ނިންމީ، ޖިންސީ ކުށުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރޭޕްކުރުމުގެ ކުށާއި، ޖިންސީ އަނިޔާގެ ކުށާއި، ޖިންސީ އަމަލެއް ހިންގައިގެން އެއާ ވިއްދައި ބްލެކްމެއިލްކުރުން ފިޔަވައި އެ ނޫން ގޮތަކަށް، ނުވަތަ އެއިން ކުށަކާ ނުގުޅޭ ބްލެކްމެއިލްގައި އެ މާއްދާގައި ބުނާ ބްލެކްމެއިލްކުރުމުގެ ކުށުގެ އުންސުރުތައް ފުރިހަމަނުވާނެ ކަމަށް ބަޔާންކޮށެވެ.
އެ ދައުވާކޮށްފައިވަނީ ޖިންސީ އަމަލެއް ހިންގުމަށްފަހު އެއާ ވިއްދައި ބްލެކްމެއިލްކުރުމުން ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނިނަމަވެސް، ކްރިމިނަލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވަނީ ދައުވާގެ ސަބަބުގައި އެއީ އެފަދަ ކުށަކާ ގުޅުވައި ކުރި ބްލެކްމެއިލަކާ ގުޅިގެން ކުރި ދައުވާއެއް ކަމެއް ޒިކުރުކޮށްފައި ނެތް ކަމެވެ. އަދި ދައުވާގެ ސަބަބުން އެނގެނީ އެއީ ހަމަައެކަނި އޮރިޔާންކާޑު ފޮނުވުމުން އެ އޮރިޔާންކާޑު ބޭނުންކޮށްގެން ކޮށްފައިވާ ބްލެކްމެއިލެއްކަން ކަމަށް ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، ފަވާޒު ކޮށްފައިވާ ކަމަށް ބުނާ އަމަލަކީ ޖިންސީ އަމަލުގެ ގޮތުގައި ގާނޫނު ބަލައިގަންނަ އަމަލެއް ނޫން ކަމަށާއި އެ އަމަލުގައި ފަވާޒުގެ ޝަހުވާނީ އެދުމެއް އޮތްކަން ނުވަތަ އެފަދަ ނިޔަތެއް އޮތްކަން ވެސް ދޭހަކޮށްދޭ ސަބަބެއް އަދި ހެއްކެއް ވެސް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށް ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވެއެވެ.
ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ވަކާލާތުކޮށްފައިވަނީ، ޖިންސީ ކުށުގެ ގާނޫނުގެ 9 ވަނަ މާއްދާގައި ”ޖިންސީ އަމަލު“ މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ”ޖިންސީ ގުނަވަނަކާ މެދު ނުވަތަ ޖިންސީ ގުނަވަން ނޫން އެހެން ގުނަވަނަކާ މެދު އެހެން އަމަލެއް ހިންގުމަކީ“ ވެސް އެއީ ޖިންސީ އަމަލަކަށް ވާނެ ކަމަށް ބަޔާންކޮށްފައި އޮތުމުން، ކޮންމެ ގުނަވަނެއް އެކުލެވޭ ގޮތަށް ވެސް ޖިންސީ ނިޔަތެއް އެކުލެވޭ ކޮންމެ ފަދަ އަމަލަކީ ޖިންސީ އަމަލަކަށް ވާނެ ކަމަށެވެ. އަދި ޖިންސީ ގުނަވަނެއްގެ ވީޑިއޯ އާއި ފޮޓޯ ފޮނުވަން އެދުމާއި، ފޮނުވުމާއި، ލިބިގަތުމަކީ އެފަދަ ”އެހެން އަމަލުތަކުގެ“ މާނަައިގެ ތެރޭގައި ހިމެނޭނެ ކަމެއް ކަމަށާއި ފަވާޒު ސްނެޕްޗެޓުން ވާހަކަ ދައްކާފައިވާ ގޮތުން އޭނާގެ ޖިންސީ ނިޔަތެއް އޮތްކަން ހާމަވާކަމަށް ދައުލަތުން ބުނެފައިވެއެވެ.
އޭގެ އިތުރުން، މަދަނީ މިންގަނޑުން މައްސަލަ ބެލޭނެތޯ ކަނޑާއަޅާއިރު ބަލަންޖެހޭނީ ކުށް ސާބިތުވާން ފުދޭ މިންވަރެެއްގެ ހެކި ހުރިތޯ ނޫން ކަމަށާއި ބަލަން ޖެހޭނީ، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ ކަމަށް ބުނެފައިވެއެވެ. އަދި އެ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާނެ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް، ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތުން ނިންމީ، ފަވާޒް ފޮޓޯ އަދި ވީޑިއޯ ފޮނުވަން އެދުނު އެދުމަކީ ޖިންސީ ކުށުގެ ގާނޫނުގައި ބުނާ ފަދަ ޖިންސީ އަމަލެއް ނޫން ކަމަށެވެ. އެހެންކަމުން، އެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނާ ބްލެކްމެއިލްކުރުމުގެ ކުށުގެ އުންސުރުތައް އެ އަމަލުން ފުރިހަމަ ނުވާނެ ކަަމަށް ހުކުމުގައިވެއެވެ. އަދި އެ މާއްދާގައި ބުނާ ބްލެކްމެއިލްކުރުމުގެ ކުށް ކުރި ކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމާފައިވެއެވެ.
މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅީ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ނަމަވެސް، އެ މަރުހަލާގައި ވެސް އެފަދަ ނިންމުންތައް ނިންމޭނެ ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ. އަދި ކްރިމިނަލް ކޯޓުން އެ ނިންމުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއީ ތަރުތީބާ ހިލާފަށް ނޫން ކަމަށް ހައިކޯޓުން ނިންމާފައިވެއެވެ.
މި މައްސަލައިގައި ރައުޔު ތަފާތުވި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔުގައި ވަނީ، ފަވާޒް ހިންގާފައިވާ އަމަލީ ޖިންސީ ކުށުގެ ގާނޫނުގައި ބުނާ ފަދަ ޖިންސީ ނިޔަތެއް އޮވެގެން ކުރި އަމަލެއް ކަމުގައި ބެލެވިދާނެ ކަމަށެވެ. އެހެންނަމަވެސް، ރިޔާސަތު ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާގެ ރައުޔަށް ފަނޑިޔާރު އިސްމާއިލް ޝަފީއު ތާއީދުކުރެއްވުމުން، ހައިކޯޓުން ނިންމާފައި ވަނީ އެ މައްސަލަައިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކުރާނެ ތަނެއް ނެތް ކަމަށެވެ.
ބްލެކްމެއިލްގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު މައްސަލާގައި ތުހުމަތުކުރެވޭ ފަވާޒް ލުތުފީ ހުޅުމާލޭގައި ދިރިއުޅޭ ކަަމަށް ބެލެވޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައިފާސްކުރިއިރު ސިމްކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ވެސް ފެނުނެވެ. އެ މައްސަލައިގައި އޭނާ އާއި އެ ގޭގައި ދިރިއުޅުނު މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒްގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގެއް ވެސް ފުލުހުން ހިންގިއެވެ.

