މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަސާސީ ގަވާއިދާއި ހިންގުމަށް ގެންނަންޖެހޭ ބަދަލުތަކުގެ މަގުޗާޓު އެކުލަވާލުމަށްޓަކައި ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ މުގައްރިރަކަށް ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހަމަޖައްސައިފިއެވެ.
އެމްޑީޕީން ބުނި ގޮތުގައި މި މަގުޗާޓުގެ މަސައްކަތް ނިންމުމަށްޓަކައި 10 މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީ އެކުލަވާލާފައިވަނީ ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ފައްޔާޒް އިސްމާއިލް (މުޤައްރިރު)، މާރިޔާ އަޙްމަދު ދީދީ، އިމްތިޔާޒް ފަހްމީ، އަބްދުﷲ ސާދިޤް، މައުރޫފް އަޙްމަދު، އިބްރާހިމް ވަޙީދު، މުޙައްމަދު ރަޝީދު ޙުސައިން، އަޙްމަދު އަބްދުﷲ، މަޙްފޫޒް ސައީދު އަދި ޔާސިރު ޢަބްދުލްލަޠީފެވެ.
މި ދުވަސްވަރަކީ އެމްޑީޕީގެ އެތެރޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތަކެއް ކުރަމުންދާ ވަގުތެކެވެ. އެގޮތުން ލޯކަލް ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ”އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް“ (އައިއެލްސީ-ޕީޑީއޯ) ގެ ނަމުގައި އޮފީހެއް ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓުގައި ވަނީ ގާއިމްކޮށްފައެވެ.
މި އޮފީހުގެ ޑައިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އަދި ގައުމީ މަޖިލީހުގެ މެންބަރު އިބްރާހިމް އަމީރެވެ. މިފަދަ އޮފީހެއް އުފެއްދުމަކީ ޗެއާޕާސަންގެ ކެމްޕޭނުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެވަޑައިގަންނަވާފައިވާ ވައުދެކެވެ.
ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި އޮފީހުގެ މައިގަނޑު މަގުސަދަކީ ”ރާއްޖޭގެ ރަށްރަށަށް ބޭނުންވާ ވިޔަފާރި އާއި އިގުތިސާދީ އަމަލީ ޕްލޭންތައް އެކުލަވައިލުން“ ކަމަށެވެ. މި އައު ބަދަލުތަކާއެކު ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

