ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސީން މައްސަލަ ތަހުގީގީ އިދާރާއަކަށް ހުށަހަޅާފައިނުވާކަން ”ސަންގަށް“ އެނގިއްޖެއެވެ.
އެކި މީހުންގެ އަތުން 8 މިލިއަނަށްވުރެ ގިނަ ފައިސާ އަތުލި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވޭތޯ ނުވަތަ އަމިއްލަ އިސްނެގުމަށް އެ މައްސަލަ ބަލަމުންދޭތޯ މިއަދު ”ސަންގުން“ ސުވާލުކުރުމުން އެ ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ، އެފަދަ މައްސަލައެއް އެ ކޮމިޝަނުގައި މިހާތަނަށް ރަޖިސްޓްރީ ކޮށްފައިނުވާ ކަމަށާއި އެފަދަ މައްސަލައެއް އެ ކޮމިޝަނަށް އެހެން ފަރާތަކުން ހުށަހަޅާފައި ވެސް ނުވާ ކަމަށެވެ. އަދި އަމިއްލަ އިސްނެގުމަށް ވެސް މިހާތަނަށް އެ މައްސަލަ ބަލަމުންނުދާ ކަމަށް ވިދާޅުވިއެވެ.
ޔާސީންގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވޭތީ ފުލުހުންގެ މީޑިއާ އޮފިޝަލާ ސުވާލުކުރުމުން ވިދާޅުވެފައިވަނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގެ ސީރިއަސްކަމަށް ބަލައި، ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ޔަސީން ސަސްޕެންޑްކުރުމަށެވެ. ނަމަވެސް، ލިބުނު މައުލޫމާތުތަކަށް ރިއާޔަތްކޮށް، އޭނާ ވަނީ ރަސްމީކޮށް މަގާމުން ވަކިކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ސުވާލުކުރުމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް އިއްޔެ ވިދާޅުވީ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި މި ސަރުކާރުން ގެންގުޅެނީ ’ޒީރޯ ޓޮލަރެންސް‘ ނުވަތަ އެއްވެސް މިންވަރަކަށް އެފަދަ ކަންކަމަށް ފުރުސަތު ނުދިނުމުގެ ސިޔާސަތު ކަމަށެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންގެ އިތުބާރު ނަގާލައި، އަމިއްލަ މަންފާއަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ޕްލެޓަށް އެދި ހުޅުވާލި ފުރުސަތު ހަމަވީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެ ފުރުސަތުގައި ޖުމްލަ 58،505 ފޯމު ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއިން ފުލެޓަށް އެދި 35،930 ފޯމު ހުށައަޅާފައިވާއިރު ގޯއްޗަށް އެދި ހުށައަޅާފައިވަނީ 22،575 ފޯމެވެ. މި މަޝްރޫއުގެ ދަށުން 7900 ފްލެޓާއި 15000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ސަރުކާރުގެ އެއްވެސް ވަޒީރަކަށް އަދި ސަރުކާރުގެ އެއްވެސް މީހަކަށް ނުވަތަ ޕީއެންސީގެ އެއްވެސް މަޖިލިސް މެމްބަރެއްގެ ގާތުގައި ބުނެގެންގެން ފްލެޓެއް ނުލިބޭނެ ކަމަށެވެ. އަދި ފްލެޓާއި ގޯތި ދޫކުރާނީ އެއަށް ހައްގުވެރި ފަރާތްތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

