އަދަދު ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސް ތަކަށް ވަނުން މަނާކުރަން ނިންމި ނިންމުން ރަސްމީކޮށް ލިޔުމުން ހޯދަން ހުށަހެޅި ސިޓީއަށް ޖަވާބު ނުލިބުނު މައްސަލަ ބަލައިދިނުމަށް ރައީސް އޮފީހަށް ހުހަޅައިފިއެވެ.
”އަދަދު“ ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތަކަށް ވަނުން މަނާކުރަން ނިންމި ނިންމުން ރަސްމީކޮށް ލިޔުމުން ހޯދުމަށް އެދި މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހު އެނޫހުގެ ފަރާތުން ސިޓީއެއް ހުށަހަޅާފައިވީ ނަމަވެސް، މިއަދާ ހަމައަށްވެސް އެ ސިޓީއަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް އަދަދުން ވަނީ ބުނެފައެވެ.
އަދަދުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސް ޑރ. މުހައްމަދު މާހިދު ޝަރީފުއަށް، އެޑްރެސްކޮށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ ސަބަބު ހޯދަން އެ ސިޓީ ފޮނުވިތާ ދެ މަސް ދުވަސް ވާން ކައިރިވެފައިވާއިރު ވެސް ޖަވާބެއް ނުލިބުމަކީ، ގާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.
މި ފިޔަވަޅަކީ ބޭއިންސާފު، ގާނޫނީ ހަމަތަކުން ބޭރު ނިންމުމެއްކަމުން، މިކަން ކަމާގުޅުންހުރި ރާއްޖޭގެ އަދި ބައިނަލްއަގުވާމީ ފަރާތްތަކަށް ހުށަހަޅަށް ބޭނުންވާ ކަމަށް އަދަދުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ސިޓީގެ ޖަވާބު ނުލިބޭތީވެ އިންސާފު ހޯދުމަށް ވެސް ރައީސް އޮފީހުން ވަނީ ހުރަސް އަޅައިފައި ކަމަށް އަދަދުން ވަނީ ބުނެފައެވެ.
އެ ނޫހުން ވަނީ މިދިޔަ މޭ މަހުގެ 18 ގައި ހުށަހެޅި ސިޓީއަށް ޖަވާބު ވަގުތުން ފޯރުކޮށްދީ، އަދި ޖަވާބު ނުދީ ލަސްވި މައްސަލަ ބަލައިދިނުމަށް އެދިފައެވެ.

