ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިހާބެއްގައި 2000އަށް ވުރެ ގިނަ މެމްބަރުން ވާދަކުރެއްވުމަކީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މެމްބަރުން ކުރައްވާ އިތުބާރު ފެންނަ ކަމެއް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި އެތެރޭގެ އިންތިހާބާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ މިއީ ސިޔާސީ ޕާޓީއަކުން ބޭއްވި ބޮޑު އިންތިހާބެއް ކަމަށެވެ. ޢަބްދުއްރަޙީމް ވިދާޅުވީ ވޯޓުލެވޭ މެންބަރުންގެ ތެރެއިން 85 އިންސައްތަ މެންބަރުން ވޯޓުލި ކަމަށް ލަފާކުރެވޭ ކަމަށާއި، އެއީ 32 ހާހާއި 33 ހާހާ ދެމެދުގެ އަދަދެއްގެ މެންބަރުން ކަމަށެވެ. އެހެންނަމަވެސް އިންތިޚާބުގައި ވޯޓުލީ މީހުންގެ ހިސާބު އެނގޭނީ ނަތީޖާ އިއުލާނުކުރުމުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އިންތިހާބު ދިޔައީ ވަރަށް ސުލްހަވެރިކަމާއިއެކު ކަމަށާއި، އެހެންޕާޓީތަކުގައި ވޯޓު ފޮށި ފަޅާލުމާއި ވަގަށް ނެގުމާއި އެފަދަ ކަންކަން ދިޔަ ނަމަވެސް، ޕީއެންސީގައި އެފަދަ ކަމެއް ނުވާނެ ކަމަށެވެ.
އަބްދުއްރަހީމް ވަނީ އިންތިހާބުގެ ކަންކަން މިހާ އޮމާންކަމާއެކީގައި ކުރިއަށް ދިޔަ ކަމަށްޓަކައި ޕާޓީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އިންތިހާބުގެ ކަންކަން ސުލްހަވެރިކަމާއި އަމާންކަމާއެކީގައި ކުރިއަށް ގެންދަން އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު ހެނދުނު 9:00 ގައި ފަށައި، ނިންމާލީ ހަވީރު 17:00 ގައެވެ. މި އިންތިހާބުގައި މާލޭގެ އިތުރުން 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދިޔައިރު، އެ ދާއިރާތަކަށް 2000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރިއެވެ. އަދި ގާތްގަނޑަކަށް 40،000 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ.

