މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއިމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތް ޙިއްސާ ކުރެއްވުމަށްފަހު މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ނިންމާލައިފި އެވެ.
މި ހަފްތާގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުންގެ މެދުގައި ބަހުޘްކޮށްފައި ވަނީ މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތުގައި ކައުންސިލަރުންގެ ދައުރު ދިގު ކުރަން ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހާއި މެދުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020“ ގެ ވާހަކަ ފާހަގަ ކުރެއްވުން ފިޔަވައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންގޮސް ޖަލްސާ ނިންމާލީ މަޖިލީހުގެ ރައީސް އެބިލާމެދު ދެކޭ ގޮތުގެ ޚިޔާލު ފާޅުކުރެއްވުމަށްފަހުއެވެ.
ބުދަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހަޅި ބިލުގެ ކުރިން ކުރެވުނު ބަހުސްގައި 57 މެމްބަރުން ވާހަކަ ދެއްކެވި އިރު އެކަމާ އެއްކޮޅަށް ވާހަކަ ދެއްކެވީ ވަރަށް މަދު މެމްބަރުން ކަމަށެވެ.
ބުދަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވާ ބިލާ މެދު ހިޔާލު ފާޅުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމުގެ މައްސަލާގައި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމާ ގުޅޭ ގޮތުން ވަކި ހިޔާލުފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ނަޝީދު ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ މައްސަލައިގައި ގާނޫނީ ބޭފުޅުންގެ ވިސްނުން އޮތް ގޮތް ސާފުވެފައިވާ ކަމަށެވެ. އަދި މެންބަރުންގެ މެދުގައި އޮތް ކަންބޮޑުވުމާ ގުޅޭ ގޮތުން ވެސް މެންބަރުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ބިލު ހުށަހެޅުއްވި މެމްބަރު ހަސަން ލަތީފަކީ ވެސް ގާނޫނީ ފަންނުގެ ބޭފުޅެއް ކަމަށާއި ގާނޫނުއަސާސީ ޑްރާފްޓް ކުރުމާއި ގާނޫނުއަސާސީއާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔައިރު، އެ ކަންތައްތަކުގެ ތެރޭގައި އުޅުއްވި ބޭފުޅެއް ކަމަށެވެ.
އެކަމުގައި ގޮތެއް ނިންމުމުގެ ބާރު އޮތީ މަޖިލީހުގެ މެންބަރުންނަށް ކަމަށާއި މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް އެ މަސައްކަތް ކުރިއަށް ގެންދަންވީ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މެންބަރުން ނިންމަވާ ގޮތަކަށް އެއްބާރުލުން ދެއްވަން އެމަނިކުފާނު ހުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ބިލު ހުށަހެޅުއްވި މެންބަރަކީ ގާނޫނީ ފަންނުގެ ބޭފުޅެއް ކަމަށެވެ. އެގޮތުން ގާނޫނުއަސާސީ ޑްރާފްޓް ކުރުމާއި ގާނޫނުއަސާސީއާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔައިރު، އެ ކަންތައްތަކުގެ ތެރޭގައި، ބިލު ހުށަ ހެޅުއްވި މެންބަރުން ހަސަން ލަތީފް އުޅުއްވާފައިވާކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.
”ގާނޫނު އަސާސީ ޑްރާފްޓް ކުރުމާއި ހުރިހާ ކަމެއް ކުރުމުގައި ބޮޑު ކާތިބަކަށް އުޅުއްވި ބޭފުޅެއް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު މި ބިލު ގެނައީ ވެސް، ދެން ތުނޑު ތޫނު ކުރަން ދާންވީ އެހެން ވަޑިއެއް އުޅެދާނެ، އަޅުގަނޑު ދެކޭ ގޮތުގައި ތުނޑު އޮތް ވަޑިންނަކީ ތިޔަ އިއްޒަތްތެރި މެންބަރުން“ ނަޝީދު ވިދާޅުވި އެވެ.
ކުރިން ސަރުކާރުގެ ފަރާތުން ފޮނުވާފައި ވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެކެވެ. ނަމަވެސް ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު އެމްޑީޕީގެ ބައެއް މެންބަރުންގެ ކަންބޮޑުވުން އޮތުމުން ހަސަން ލަތީފު ހުށަހެޅުއްވީ ގާނޫނު އަސާސީ އިސްލާހު ނުކޮށް ކައުންސިލަރުންގެ ދައުރު ދަންމާލާނެ ގޮތުގެ އުސޫލު ބަޔާންކޮށް ވަގުތީ ގާނޫނެއްގެ ބިލެކެވެ.
ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރަން ޖެހޭތީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ޑްރާފްޓް ކުރައްވައި، ސަރުކާރުގެ ފަރާތުން ހުށަހެޅި ސަންސެޓް ބިލު، ހޯމަ ދުވަހާއި އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމެނުއްވި ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދަވާފައެއް ނުވެއެވެ.
ބަންޑާރަ ނައިބު ހުށަހެޅުއްވި ބިލު އެޖެންޑާގައި ކުރިނަމަވެސް އެ ބިލުގެ ފުރަތަމަ ކިއުން ކުރިއަކަށް ނުގެންގޮސް މިދިޔަ ދެ ދުވަހު ކުރިއަށް ގެންދިޔައީ ރާއްޖޭގައި މިހާރު އޮތް ހާލަތުގައި ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވިދާނެ ކަމާއިމެދު ނަޝީދު އުފެއްދެވި ސުވާލުގެ ބަހުސެވެ. އަދި އެ ބަހުސް ނިންމަވާ ލައްވަމުން ނަޝީދު ވިދާޅުވީ އެއީ ޚިޔާލު ހޯއްދެވުމުގެ ބަހުސެއް ކަމަށެވެ.
ކޮވިޑް-19 އިގެ ހާލަތުގައި ކައުންސިލަރުންގެ ދައުރު ދިގު ކުރަން ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދުގައި އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅެވެ. ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވެސް ބައެއް މެންބަރުން ދެކޮޅު ހައްދަވައެވެ. އެމްޑީޕީގެ ބައެއް މެންބަރުންގެ ވިސްނުމާއި އަމާޒު އޮތީ ކައުންސިލްތަކަށް ރައީސުލްޖުމްހޫރިއްޔާ ބަޔަކު އައްޔަން ކުރާށެވެ.

