ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުްދަތެއް އާންމު ގާނޫނަކުން ބަދަލު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން ކައުންސިލް އިންތިހާބު ބޭއްވާނެ ހާލަތެއް ނެތުމުން އިންތިހާބު ފަސްކޮށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ. ނަމަވެސް ސަަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ އެ ބިލް އެޖެންޑާއިން ނަގާފައެވެ.
ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާގެ އެޖެންޑާއިން ނަގާފައި ވަނީ މިހާރު ރާއްޖޭގައި އޮތް ހާލަތުގެ ސަބަބުން ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށް ވިދާޅުވެ ސުވާލު އުފެއްދެވުމަށް ފަހުއެވެ. ނަމަވެސް ރާއްޖޭގައި މިހާރު އޮތް ހާލަތަކީ ގާނޫނުއަސާސީއަށް އިސްލާހެއް ނުގެނެވޭނެ ފަދަ ހާލަތެއް ނޫން ކަމަށް ބަޔާންކޮށް މަޖިލީހުގެ ކައުންސެލް ޖެނަރްލް ފާތުމަތު ފިލްޒާ ވަނީ މަޖިލީޙުގެ ރައީސްއަށް ގާނޫނީ ލަފާ ވެސް ދެއްވާފައެވެ. އަދި މިހާރު އޮތް ހާލަތަކީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން އެއްވެސް ހުރަހެއް އޮތް ހާލަތެއް ނޫންކަން ބަޔާންކޮށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވެސް ވަނީ ގާނޫނީ ލަފާ ދެއްވާފައެވެ. ނަމަވެސް އެއިން އެއްވެސް ގާނޫނީ ލަފައެއް ރައީސް ނަޝީދު ގަބޫލު ކުރަްވާފައެއް ނުވެއެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއްދަތެއް އާންމު ގާނޫނަކުން ބަދަލު ނުކުރެވޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވީ ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލްގެ މަސައްކަތް ކުރިއަށް ނުގެންގޮސް ކައުންސިލްތަކުގެ ދައުރު ދެންމުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލް މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށް ބިލްގެ ފުރަތަމަ ކިޔުން އިއްވާފައިވަނިކޮށެވެ.
އެގޮތުން އުޝާމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ހަސަން ލަތީފް ހުށަހެޅުއްވި ބިލުގެ މަގްސަދަކީ ގާނޫނުއަސާސީ އިސްލާހުނުކޮށް، ގާނޫނުއަސާސީގަ ކަނޑައަޅާފައިވާ މިހާރުގެ ކައުންސިލުތަކުގެ 3 އަހަރުގެ ދައުރު އިތުރުކުރުން ކަމަށާއި ނަމަވެސް ގާނޫނުއަސާސީގައި ލިޔެ ބަޔާންކޮށްފައިވާ މުއްދަތެއް ގާނޫނުއަސާސީ އިސްލާހުނުކޮށް، އާންމު ގާނޫނަކުން ބަދަލުކުރުމަކީ ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.
މި އަހަރު ބާއްވަން ޖެހޭ ކައުންސިލް އިންތިހާބު ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކުރަން ޖެހިފަ އެވެ. އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާއިރު އެ ތާރީހަށް ވެސް އިންތިހާބު ބޭއްވޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ.
އެހެންކަމުން އިންތިހާބު ފަސް ކުރުމުގެ ހާއްސަ ވަގުތީ ގާނޫނެއްގެ ބިލަކާއި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައެވެ. އިސްތިހާބު ފަސްކުރުމުގެ ބިލް އެންމެ ލަސްވެގެން މި މަހުގެ18 ވަނަ ދުވަހުގެ ކުރިން މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރީއްޔާ ތަސްދީގު ކުރައްވަން ޖެހޭނެއެވެ. މި މަހުގެ18 ވަނަ ދުވަހަކީ ކައުންސިލް އިންތިހާބު ބޭއްވުމަސް އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ކަނޑައެޅި ތާރީހެވެ.

