ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިރު ގަންނާނެކަން އެނގޭ، ނަމަވެސް ބައްޔާއި ގުޅިގެން އެކަހެރި ކުރެވުނު މީހަކު ބާކީ ނުކުރައްވާ: ޑރ. މުރާދު

ބިރު ގަންނާނެ، އެހެން ނަމަވެސް ބައްޔާއި ގުޅިގެން އެކަހެރި ކުރެވުނު މީހަކު ބާކީ ނުކުރައްވާ: ޑރ. މުރާދު - ފޮޓޯ: މުހައްމަދު ޝަރުހާން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކުރެވޭ މީހާ، ނުވަތަ އައިސޮލޭޓު ކުރެވޭ މީހަކު އަނބުރާ މުޖްތަމައުގެ ތެރެއަށް އައުމުން އޭނާ ބަލައިނުގަނެ ބާކީކުރުން ފަދަ ކަންކަން ފާހަގަކުރެވޭތީ އެގޮތަށް ކަން ނުކުރުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު އިލްތިމާސް ކުރައްވައިފިއެވެ.

ބޭރުގެ އެކި ގައުމުތަކުން އަންނަ ދިވެހިން ވެސް 14 ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާއިރު، އެ މީހުންގެ ކަރަންޓީން މުއްދަތަށް ބައްޔަށް ޓެސްޓުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ދޫކޮށްލާނީ އެ މީހެއްގެ ނަތީޖާތައް ލިބި ބައްޔަށް ނެގެޓިވްވުމުން ނެވެ. އަދި އޭގެ އިތުރުން ހުން އަދި ރޯގާގެ އަލާމާތެއް ހުރިތޯ ބެލުމަށް ”އެގްޒިޓް ސްކްރީނިން“ އެއް ވެސް ކުރާނެއެވެ. ކަރަންޓީންގެ 14 ދުވަސް ގުނަން ފަށަނީ އެ މީހަކު ކަރަންޓީން ފެސިލިޓީ އަކަށް ގެންދާ ދުވަހުގެ ފަހު ދުވަހުން ފެށިގެންން

އެންމެ ފަހުން ހާމަ ކުރި މައުލޫމާތުތަކަށް ބަލާއިރު، ކަރަންޓީނު ފެސިލިޓީތަކުގައި ރާއްޖެއިން ބޭރުން އައި ގިނަ އަދަދެއްގެ ދިވެހިންތަކެއް އެބަތިއްބެވެ. ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުން އެނބުރި އައި ހަތަރު ދިވެއްސަކު ހިމެނެއެވެ. އެ ހަތަރު ދިވެހިންނަށް ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ.

އެންއީއޯސީއިން ސިލްސިލާކޮށް ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުރާދު ވިދާޅުވީ ބައްޔަށް ޝައްކު ކުރެވިގެން ނުވަތަ ބައްޔަށް ޝައްކު ކުރެވޭ ނުވަތަ ޕޮޒިޓިވްވެފައިވާ މީހަކާއި ކޮންޓެކްޓުވެގެން ގިނަ ބަޔަކު އެކަހެރިކުރެވޭ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ސާމްޕަލްތައް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެސް ނަގާފައި ހުންނާނެ ކަމަށެވެ.

އެގޮތުން ބައްޔަށް ކުރިޔާވެސް ޝައްކު ކުރެވޭ މީހަކު ދޫކޮށްލަނީ، ޔަގީން ކުރަންޖެހޭ ހުރިހާ ކަންތަކެއް ފުރިހަމަ ކުރުމަށް ފަހުކަން ޑރ. މުރާދު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަހެރި ކުރުމަށް ފަހު ދޫކޮށްލާ މީހުންނާއި މެދު މުޖްތަމައުގެ ތެރޭގައި ތާފާތު ކުރުން ގެންގުޅޭކަމުގެ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށް ވިދާޅުވިއެވެ. މިފަދަ މައްސަލަތައް ފެންމަތިވުމުން، މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަން ފާހަގަކޮށް ޑރ. މުރާދު ވިދާޅުވީ އެ މީހާ އެއީ ބިރުވެރިކަމެއްގެ ގޮތުގައި ދެކެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

”މިސާލަކަށް އާއިލާގެ ތެރެއިން ވެސް އެ ބޭފުޅުންނަށް، މިސާލަކަށް ބައްޔަށް ޝައްކުކުރެވިގެން ޓެސްޓެއް ހަދައިފިއްޔާ، އެދެން ވަރަށް ބިރުވެރިކަމެއްގެ ގޮތުގައި. ނުވަތަ އެ މީހަކު ބައެއް ފަހަރަށް ގެއަށް ވައްދަން ވެސް އުޒުރުވެރިވާ ހިސާބަށް ކަންތައް ގޮސްފައި އެބަހުރިކަމަށް މައުލޫމާތު ވަނީ ލިބިފައި“ ޑރ. މުރާދު

މީގެ އިތުރުން ޑރ. މުރާދު ވިދާޅުވީ، މިކަންތަކާއި ކުރިމަތިލާންޖެހެނީ އައިސޮލޭޝަނުން ނުވަތަ ކަރަންޓީނުން ދޫކޮށްލާ މީހާ އެކަންޏެއް ނޫން ކަމަށެވެ. ބަލީގެ އަލާމްތައް ހުންނަ މީހުންނަށް ފަރުވާ ދޭ މީހުންނާއި، އަދި ސީދާގޮތުންނާއި ނުސީދާގޮތުން ކޮރޯނާ ވައިރަސްގެ ކަންތަކުގައި މަސައްކަތް ކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިންނަށް ވެސް މިކަންތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެގޮތުން، މަސައްކަތުގައި އުޅެފައި އަންނަ މީހާ ގެއަށް ނުވެއްދުމަށް މަސައްކަތް ކުރުމާއި، ކައިރީގައި ހުންނަން އިންކާރު ކުރުން އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ރާއްޖޭގައި ވެސް ހިނގަމުން އަންނަ ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ، މިއީ އާ ބައްޔެއް ކަމަށާއި، ފަރުވާއެއް އަދި މިހާތަނަށް ހޯދިފައިނުވާ ނުރައްކާތެރި ވައިރަސްއަކަށް ވުމުން އާއްމުންގެ ތެރޭގައި ބިރުވެރިކަމެއް އޮންނާނެކަން އޭނާއަށް ވެސް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ބަލި ޖެހިދާނެތީ ކޮންމެ މީހަކުވެސް އެކަމާ ނުތަނަވަސް ވާނެ ކަމަށެވެ. އެހެން ނަމަވެސް، އެދުމަކީ އެންމެން ކުރާ މަސައްކަތް ބަލައިގަތުން ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

މުޖްތަމައުގެ ތެރޭގައި މިގޮތަށް އެކީ މީހުން ބާކީކޮށްނުލުމަށް އިލްތިމާސްކުރައްވާ ޑރ. މުރާދު ވިދާޅުވީ މިއީ އަނެއްކާއަށް ލިބޭ ބޮޑު ދެރައަކަށް ވާނެ ކަމަށެވެ. އަދި އެމީހަކަށް އެތައް ގޮތަކުން އޭގެ އަސަރު ކުރާނެ ކަމަށެވެ.

ކަރަންޓީން ކުރެވޭ މީހާ، ނުވަތަ އައިސޮލޭޓު ކުރެވޭ މީހަކު އަނބުރާ މުޖްތަމައުގެ ތެރެއަށް އައުމުން އޭނާއާއި މެދު ތަފާތުކުރުން ގެންގުޅޭކަމަށް ފާހަގަކުރެވިފައިވާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީންއިން ދޫކޮށްލެވޭ މީހަކު ނުވަތަ ބައްޔަށް ޝައްކު ކުރެވި އައިސޮލޭޓު ކުރެވޭ މީހާ ދޫކޮށްލުމުން އޭނާ މުޖްތަމައުގެ ތެރެއިން ބާކީ ކުރާ މަންޒަރު ފެންނަ ކަމަށެވެ. އޭގެ ތެރޭގައި އޮފީސް މާހައުލުގައި އެ މީހަކާއި ދުރުދުރުން އުޅުން މަސައްކަތް ކުރުމާއި ޓެކްސީތަކަށް ނޭރުވުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީނުން ނުވަތަ އައިސޮލޭޝަނުން ދޫކޮށްލާ މީހަކު ދޫކޮށްލަނީ ބަލަންޖެހޭ ހުރިހާ ކަންތަކެއް ބެލުމަށްފަހުގައި ކަމަށެވެ. އަދި ދޫކޮށްލާ މީހެއްގެ ފަރާތުން ދެވަނަ މީހަކަށް ނުރައްކަލެއް ނޯންނާނެ ކަމަށެވެ.

ވައިރަހާއި ގުޅިގެން ސައިކޯ ސޯޝަލް އެހީ ބޭނުންވާ މީހުންނަށް ރެޑްކްރެސެންޓުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިވަގުތު ކަރަންޓީން ފެސިލީޓީތަކުގައި ގިނަ އަދަދެއްގެ ދިވެހިން އެބަތިއްބެވެ. އެ އެންމެނަކީ ވެސް ރާއްޖޭން ބޭރުގެ ެއެކި ގައުމުތަކުން އެނބުރި އައި ފަރާތްތަކެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ބައްޔަށް ޝައްކުވާ އަލާމާތްތަކެއް ފެނި، ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 49 ސާމްޕަލްތައް ނަގާ، ޓެސްޓުތައް ނެގެޓިވްވުމުން މި ހަފްތާގެ ތެރޭގައި ދޫކޮށްލާފައިވެއެވެ. އަދި މިއަދު 63 މީހެއްގެ ސާމްޕަލް ނަގާފައިވެއެވެ. އަދި އެ އެންމެންގެ ސާމްޕަލްތައް ވެސް ވަނީ ނެގެޓިވް ވެފައެވެ. އޭގެ އިތުރުން، 41 މީހެއްގެ 14 ދުވަސް ހަމަވެ، ސާމްޕަލް ނަގާފައިވެއެވެ. ކަރަންޓީންއިން ދޫކޮށްލަނީ ކަރަންޓީންގެ މުއްދަތް ކަމަށްވާ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު ޓެސްޓްކޮށް އަދި އޭގެ އަނެއް ދުވަހުވެސް ޓެސްޓްކޮށް ދެ ނަތީޖާވެސް ނެގެޓިވްވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: