ޝަރުއީ ދާއިރާގެ އިދާރީ ކަންކަން ބަލަހައްޓާ އެންމެ އިސްވެރިޔާ ނުވަތަ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު، އެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލާފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފިއެވެ.
މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިދިޔަ އާދިއްތަ ދުވަހަށް ވަނީ ހަމަވެފައެވެ.
މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދައުލަތުގެ މުހިންމު މަގާމުތައް ފުރުއްވާފައިވާ އަދި މިހާރުވެސް ފުރުއްވަމުންދާ ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީގެ މިހާރުގެ ޑެޕިއުޓީ މިނިސްޓަރު ޝަފީގާ ނައީމާއި، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިސްމާއިލް ސާޖިދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ:
- ހޫދު މުހައްމަދު (ގދ. މަޑަވެލި)
- އަހުމަދު ރިފުއަތު (ރ. މަޑުއްވަރި)
- އާދަމް ޝަމީމު (ދ. މާއެނބޫދޫ)
- އައިމިނަތު ނަޝްމީ ފަޒީލު (މާލެ)
- އާއިޝަތު ހިކްމާ (ސ. ހިތަދޫ)
- މުހައްމަދު ނިޔާޒު (މ. ރަތްމަންދޫ)
- މަރުޔަމް ޝަހާނާ (މާލެ)
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމްޖަދު މިހާރު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އައްޔަންކުރައްވާފައެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ރާއްޖޭގެ ކޯޓުތަކުގެ އިދާރީ ކަންކަމާއި، ބަޖެޓާއި، މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގެ މައި އިދާރާއެވެ.

