ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރޭނުން ބޭއްވި ޑްރޯން މައުރަޒަކަށް ރަޝިޔާއިން ދިން ހަމަލާއެއްގައި 10 މީހަކު މަރުވެއްޖެ

ކީވްގެ ބޭރުގައި ރަޝިޔާއިން ދިން މިސައިލް ހަމަލާއާ ގުޅިގެން ސުންނާފަތިވެފައިވާ ތަންތަން ސަލާމަތީ ޚިދުމަތްތަކުން ސާފުކުރަނީ.: ފޮޓޯ/ އިންޓަނެޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރޭނުން ބޭއްވި ޑްރޯން ޓެކްނޮލޮޖީ ދައްކާލަން ބޭއްވި މައުރަޒަކަށް ރަޝިޔާއިން ދިން ހަމަލާއެއްގައި 10 މީހުން މަރުވެއްޖެއެވެ.

އިއްޔެ ރަޝިއާއިން ޔޫކްރޭނަށް ދިން ހަމަލާތަކުގައި 15 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޔޫކްރެއިންގެ ރިޕޯޓުތައް ބުނެއެވެ. މީގެ ތެރޭގައި ޔުކްރެއިންގެ ވެރިރަށް ކީވްގައި ޑްރޯން ޓެކްނޮލޮޖީ ދައްކާލުމަށް ބޭއްވި މައުރަޒަކަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލް ހަމަލާތަކުގައި މަރުވި 10 މީހުން ހިމެނެއެވެ.

މީގެ އިތުރުން، 600 މޭލު ދުރުގައި އޮންނަ ރަޝިޔާގެ ކީރޯވް ސިޓީއަށް ޔޫކްރޭނުން ރޭގަނޑުގެ ވަގުތެއްގައި ދިން ހަމަލާއެއްގައި 6 މީހުން މަރުވެ 26 މީހުން ވަނީ ޒަޚަމްވެފައެވެ. މި ހަމަލާތަކުގައި ރަޝިޔާގެ އެންމެ ބޮޑު އޮންލައިން ވިޔަފާރިކުރާ ކުންފުނި ކަމަށްވާ ’ވައިލްޑްބެރީޒް‘ ގެ ގުދަންތަކަށްވެސް ޔޫކްރޭނުން ވަނީ ހަމަލާދީފައެވެ.

ސޯޝަލް މީޑީއާ މެދުވެރިކޮށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ދިފާއީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މައުރަޒަށް ދުވާލުގެ ވަގުތެއްގައި ދިން ހަމަލާގައި 100 އެއްހާ މީހުން ޒަޚަމްވެފައިވެއެވެ.

ކީވް ކައިރީގައި ދިން ހަމަލާއަށްފަހު، ޔޫކްރޭންގެ ދިފާއީ ވުޒާރާގެ މުޝީރު ސަރްހީ ބެސްކްރެސްޓްނޯވް (ފްލޭޝް) އާއި ޔޫކްރޭން ސިފައިންނަށް ބޭނުންވާ ޓެކްނޮލޮޖީ ތަރައްގީކުރުމުގައި އިސްކޮށް އުޅުއްވާ ލޫބާ ޝިޕޮވިޗްގެ ސަލާމަތާއި މެދު ކަންބޮޑުވުން އުފެދުނެވެ. ނަމަވެސް، ފަހުން އެ ދެ ބޭފުޅުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެބޭފުޅުންނަށް އެއްވެސް ގެއްލުމެއް ނުވާކަން ކަށަވަރުކޮށްދެއްވާފައެވެ. ބެސްކްރެސްޓްނޯވް ވިދާޅުވީ ސަލާމަތީ ސަބަބުތަކަށް ޓަކައި އެ މައުރަޒަށް ވަޑައިނުގެން މަޑުކުރެއްވީ ކަމަށެވެ.

ޔޫކްރޭންގެ ވައިގެ ސިފައިންގެ ތަރުޖަމާނު ޔޫރީ އިހްނާތު ވިދާޅުވި ގޮތުގައި، މި ހަމަލާގައި ތިން ބެލިސްޓިކް މިސައިލް ބޭނުންކޮށްފައިވާއިރު، އޭގެ ތެރެއިން ވައިގެ ތެރޭގައި ހަލާކުކޮށްލެވުނީ އެންމެ މިސައިލެކެވެ.

ރަޝިޔާއިން ވަނީ މި ހަމަލާ ދިންކަން ކަށަވަރުކޮށްދީފައެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، މި ހަމަލާ ދިނުމަށް ބޭނުންކުރީ ދުރު ރާސްތާގެ ސީދާ އަމާޒަށް ވާސިލްވާ ހަތިޔާރެވެ. އަދި ހަމަލާ އަމާޒުކުރީ ރަޝިޔާގެ މަދަނީ ތަންތަނަށް ހަމަލާދިނުމަށް ބޭނުންކުރާ ޑްރޯންތައް ދައްކާލަމުންދިޔަ ތަނަކަށް ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ހަމަލާ އަމާޒުކުރި ތަނުގައި ޑްރޯން އުފައްދާ ފަރާތްތަކުގެ އިތުރުން، ރަޝިޔާގެ ސަރަހައްދުތަކަށް ހަމަލާދިނުމަށް ރާވައި އެކަން ތަންފީޒުކުރާ ޔޫކްރޭންގެ ޑްރޯން ފައުޖުތަކާއި ސަލާމަތީ ޚިދުމަތްތަކުގެ މަންދޫބުން ތިއްބެވިއެވެ.

2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރޭނަށް ފުޅާ ދާއިރާއެއްގައި އަރައިގަތް ފަހުން، މިފަދަ މައުރަޒަކަށް ހަމަލާދިން މިއީ ތިންވަނަ ފަހަރެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި، އާންމުކޮށް އިޢުލާންކޮށްގެން މިފަދަ ހަރަކާތެއް ބޭއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން ވަނީ އަމާޒުވެފައެވެ.

ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި މި ހާދިސާ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން، ޔޫކްރޭންގެ ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވީ، މި ހަރަކާތް ބޭއްވުމަށް ނިންމި ފަރާތްތަކާއި، އެތަނުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ހަމަލާ ދީފައިވަނީ ރަޝިޔާގެ ކީރޯވް ސިޓީގައި ހުންނަ ފެކްޓްރީއަކަށާއި، އެ ގައުމުގެ ހުޅަނގު އުތުރުގައި ހުރި ގުދަންތަކަކަށް ޔޫކްރޭނުން ހަމަލާދިންތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.

ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ކީރޯވްގައި ހުރި ރަޝިޔާގެ އަސްކަރީ މުހިންމު މަރުކަޒަކަށް ޔޫކްރޭނުން ވަނީ ހަމަލާދީފައެވެ. އެތަނަކީ ޔޫކްރޭނަށް ހަމަލާދިނުމަށް ބޭނުންކުރާ މަތިންދާބޯޓާއި މިސައިލް އުފެއްދުމަށް ބޭނުންވާ މުހިންމު ސާމާނު ފޯރުކޮށްދޭ ތަނެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: