ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާއި ސޯޝަލް ހައުސިން ބެލެހެއްޓުމަކީ ޤާނޫނުއަސާސީއާ އެއްގޮތަށް މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށާއި، އެ މަސްއޫލިއްޔަތު އަދާކުރުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފެއިލްވެފައިވާކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ސަރުކާރުން ނިންމަވާފައިވީ ނަމަވެސް، އެ މަސައްކަތް އަމަލީގޮތުން ކުރިއަށް ނުގޮސް ދިގުލައިގެން ދިއުމުގެ ސަބަބުން ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެއްކޮށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ކެބިނެޓުން ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ޑިސެމްބަރު 31، 2023 ގައެވެ.
މައްސަލައިގައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކަކީ ސީދާ ކައުންސިލްގެ ޒިންމާއެއް ކަމުގައި ވީނަމަވެސް، ސަރުކާރުން އެ ބާރުތައް ދޫކޮށްލުމަށް ފަސްޖެހެމުންދާ ކަމަށެވެ. މީގެ ސަބަބުން ހުޅުމާލޭގެ ސާފުތާހިރުކަން ގެއްލި، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރަމުންދާކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން ހަމަ ސަރީޙަކޮށް މި ބުނަނީ، ރައްޔިތުންގެ ތަކެތި އަބަދުވެސް އޮންނަންޖެހޭނީ ކައުންސިލްގެ ދަށުގައިކަން. އެއީ ޤާނޫނުއަސާސީ ބުނެފައިވާ ވާހަކައެއް. އެކަމަކު މިއަދު އެޗްޑީސީއަކަށް އެ ހިދުމަތްތަކެއް ނުދެވޭ. ހުޅުމާލެއަށް ވަޑައިގަންނަވާއިރު އެންމެ ގިނައިން މީހުން ޖަމާވާ ރުއްގަނޑު ސަރަހައްދު ބައްލަވާލެއްވިޔަސް ފެންނާނީ މުޑުދާރުކަން. ތަންތަން ސާފެއް ނުކުރޭ. އަސްލުގައި ސޯޝަލް ހައުސިންގެ ކަންތައްތައްވެސް ބަލަހައްޓަންޖެހޭނީ ސިޓީ ކައުންސިލުން
އާޒިމް ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ރައީސް މުއިއްޒުއާއި ބައްދަލުކުރަން އެދި ތަކުރާރުކޮށް ސިޓީ ފޮނުވި ނަމަވެސް، އެ ސިޓީތައް ރައީސާ ހަމައަށް ނުދާކަމަށް ބުނެ ރައީސް އޮފީހުން ދައްކަނީ އޮޅުންބޮޅުން ބޮޑު ވާހަކަތަކެކެވެ. ރައީސަކީ ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް ”އާއެކޭ“ ވިދާޅުވާ ބޭފުޅެއް ކަމަށާއި، ނަމަވެސް އަމަލީ ގޮތުން ކަމެއް ކޮށްދެއްވުމުގައި ޒިންމާދާރުކަން ކުޑަ ބޭފުޅެއްގެ ގޮތުގައި އާޒިމް ވަނީ ސިފަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އަޅުގަނޑުމެންނަށް މިކަން ފަހިވާ ގޮތަށް ހުރިހާ ކަމެއް ކޮށްދެއްވާނަމޭ. އެކަމަކު ފެންނަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ވާހަކަފުޅު ދައްކަވާ މަންޒަރު. އެހެންވެ، އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަނީ ސީދާ މުއައްސަސާތަކާ އެއްކޮށް. އެޗްޑީސީއާއި އެއްކޮށް، ފިނޭންސް މިނިސްޓްރީއާ އެއްކޮ
އާޒިމް ވިދާޅުވީ، އިންތިހާބުގެ ތެރޭގައި އެމްޑީޕީގެ ކެންޑިޑޭޓަކު ހޮވިދާނެކަމަށް ސަރުކާރުން އުއްމީދު ނުކުރި ނަމަވެސް، ރައްޔިތުން މިއަދު ތިބީ ސަރުކާރުން ހަދާ ދޮގުތައް ބަލައިގަންނަ ގޮތަކަށް ނޫން ކަމަށެވެ. އަދި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި، އެ ބާރުތައް ވަގުތުން ވަގުތަށް ސިޓީ ކައުންސިލާ ހަވާލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

