އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. ސްކޫލް ޗުއްޓީއާ ދިމާކޮށް އުމްރާއަށް ދިޔަ ގިނަ އަދަދެއްގެ ބަޔަކު އެނބުރި އަންނަން ފެށުމާ ގުޅިގެން، އެ އިދާރާއިން ވަނީ ބަލިތައް ފެތުރުން ހުއްޓުވުމަށް ސަމާލުވުމަށް އަންގާފައެވެ.
އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އުމްރާގެ މާތް އަޅުކަމަށް ފަހު އެނބުރި އަންނަ ގިނަ މީހުންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެންނަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
އުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ޑޮކްޓަރަށް ދައްކާއިރު، އެއީ އުމްރާއިން އެނބުރި އައި މީހެއްކަން ޑޮކްޓަރަށް އެންގުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
ރޯގާގެ އަލާމާތްތައް ހުރި ނަމަ ގޭގައި މަޑުކުރުމަށާއި، ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި، ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުމަށް ވެސް އެޗްޕީއޭއިން އެދިފައިވެއެވެ. ބަލިވެ އުޅޭ ނަމަ ގިނައިން ދިޔާތަކެތި ބުއިމާއި އެކަށީގެންވާ ވަރަށް އަރާމުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
އެޗްޕީއޭއިން ވަނީ ބަލި ޖެހިފައިވާ ހާލަތުގައި އެހެން މީހުންނާ ގައިގޯޅިވެ އުޅުމުން ދުރުހެލިވުމަށް ޚާއްސަ އިލްތިމާސެއް ކޮށްފައެވެ. ”ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން އުރައި، އެކުދިންގެ ކައިރިއަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން“ ކަމަށް އެ އެޖެންސީން ބުނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތައް ތަހައްމަލުކުރާ މީހުންގެ ކައިރިއަށް ނުދިއުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
މިދިޔަ މަހު އެކަނިވެސް ރާއްޖެއިން 5,565 އަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ގޮސްފައިވާއިރު، މި ދުވަސްވަރު ރާއްޖޭގައި ވެސް އާންމު ރޯގާތައް އިތުރުވަމުންދާތީ، އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ އިދާރާއިން ތަކުރާރުކޮށް އަންގައެވެ.

