ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތީގެ ވިޔަފާރި ކުރާ ގެއެއް ބަލައި ފާސްކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ވެރިފަރާތުގެ ހުއްދައާއެކު!

މާލޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ކުޑަ ކެފޭއެއް/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކާބޯތަކެތީގެ އިންސްޕެކްޓަރުންނަށް ކާބޯތަކެތި އުފައްދައި، ތައްޔާރުކޮށް ބަންދުކުރާ، އަދި ގުދަންކޮށް ވިއްކާ ތަންތަން ބަލައި ފާސްކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންވާ ގޮތަށް ގަވައިދު އެކުލަވާލައި އަމަލު ކުރަން ފަށައިފި އެވެ.

ކާބޯތަކެއްޗާ ބެހޭ އިދާރާ (އެމްއެފްޑީއޭ) އިން އާންމު ކުރި ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވައިދުގައި ވަނީ އިންސްޕެކްޓަރުންނަށް ބޮޑެތި ބާރުތައް ދީފަ އެވެ.

ކާބޯތަކެތީގެ އިންސްޕެކްޓަރުން ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގޮތުގައި ކަނޑައަޅަނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ކާބޯތަކެތި އުފައްދާ ނުވަތަ ތައްޔާރުކުރާ ތަންތަނުގެ އިތުރުން، އެ ތަކެތި ބަންދުކުރާ، ލޭބަލްކުރާ، ރައްކައުކުރާ، ގުދަންކުރާ ނުވަތަ ގަނެވިއްކާ ތަންތަން ބަލައި ފާސްކުރުމަށް އެމްއެފްޑީއޭއިން އައްޔަނުކުރާ ފަރާތްތަކެވެ. މި ފަރާތްތަކަކީ ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލާ ނުވަތަ ފޯރުކޮށްދޭ ތަންތަނުން ގާނޫނާއި ގަވާއިދުގެ މިންގަނޑުތަކަށް އަމަލުކުރަމުންދޭތޯ ބެލުމުގެ ފުރިހަމަ ބާރު ލިބިގެންވާ ބައެކެވެ.

އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ގަވާއިދުން ބަލައި ފާސްކޮށް، އެ ތަންތަނަކީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހިންގާ ތަންތަންކަން ކަށަވަރުކުރުން ހިމެނެއެވެ. އެގޮތުން ބަލައި ފާސްކުރުމަށްފަހު ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ރިޕޯޓު ތައްޔާރުކުރުމާއި، ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވެސް އެ ފަރާތްތަކުގެ ޒިންމާއެކެވެ.

އިންސްޕެކްޓަރުންނަށް ލިބިދޭ ބާރުތަކަށް ބަލާއިރު، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެއްޗަކީ މަނާ އެއްޗެއް ކަމަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ތަކެތި ޓެސްޓުކޮށް ނިމެންދެން ހިފެހެއްޓުމާއި، އެ ތަކެތި ނައްތާލުމުގެ ބާރު ލިބިގެންވެއެވެ. އަދި ހާލަތަށް ރިއާޔަތްކޮށް އެ ތަކެތި އަނބުރާ ރާއްޖެއިން ބޭރުކުރުމަށް ނުވަތަ ރީ- އެކްސްޕޯޓު ކުރުމަށް އެންގުމުގެ ބާރު ވެސް އޮވެއެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ދުރާލައި އެންގުމަކާ ނުލައި ވަދެ ބަލައި ފާސްކުރުމާއި، އެ ތަންތަނުން ސާމްޕަލް ނަގައި ޓެސްޓުކުރުމާއި، މުވައްޒަފުންނާ ސުވާލުކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު އިންސްޕެކްޓަރުންނަށް ލިބެއެވެ. މީހުން ދިރިއުޅޭ ތަންތަނުގައި ކާބޯތަކެތީގެ މަސައްކަތް ކުރާ ނަމަ، އެ ތަނެއް ބަލައި ފާސްކުރާނީ ވެރިފަރާތުގެ ހުއްދައާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުންނެވެ.

ގަވާއިދުގައިވާ ގޮތުން، ކާބޯތަކެތީގެ އިންސްޕެކްޓަރުން އެފަރާތްތަކުގެ ޒިންމާ އަދާކުރުމުގައި ތެދުވެރިކަމާއި، އިހުލާސްތެރިކަމާއި ހަމަހަމަކަން ހިފަހައްޓަންވާނެއެވެ. އަދި އޮތޯރިޓީގެ ފައިސާއާއި ވަސީލަތްތައް ބޭނުންކުރުމުގައި އިސްރާފުނުކޮށް، އިގުތިސާދުކުރުމަށް ވަނީ ލާޒިމުކޮށްފައެވެ.

މީގެ އިތުރުން، އިންސްޕެކްޓަރުން ކުރާ މަސައްކަތްތަކާ ގުޅިގެން އޮތޯރިޓީއަށާއި، ގާނޫނީ ގޮތުން ލާޒިމުވާ ހާލަތްތަކުގައި ފުލުހުންނަށްވެސް ޖަވާބުދާރީވާން ޖެހޭނެއެވެ. ގަވާއިދުގެ ދަށުން އިންސްޕެކްޓަރުންނަށް މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރުމާއި، ހިއްސާދާރަކަށްވުން ނުވަތަ އާއިލީ ގުޅުމެއް އޮތް ތަނަކަށް ލަފާދިނުން ހިމެނެއެވެ. މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެކަން ލިޔުމުން އޮތޯރިޓީއަށް ހުށަހަޅައި، އެ މަސައްކަތަކުން ތަނާޒުލުވާންޖެހޭނެއެވެ.

އުސޫލުގެ ދަށުން، ކާބޯތަކެތީގެ އިންސްޕެކްށަންތައް ފެށުމުގެ ކުރިން، އޮތޯރިޓީން ކަނޑައަޅާ އިންސްޕެކްޓަރުން ”ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ އިގުރާރު“ ގައި ސޮއިކޮށް އޮތޯރިޓީއަށް ހުށަހަޅަންޖެހެއެވެ.

ކޮންމެ އިންސްޕެކްށަނެއް ވެސް ފަށަންވާނީ ތަނުގެ ވެރިފަރާތުގެ ހުއްދައާއެކު، އޮތޯރިޓީގެ ރަސްމީ ފާސް ދެއްކުމަށްފަހު އެވެ. ނަމަވެސް، މީހުން ދިރިއުޅޭ ތަނެއްނަމަ އިންސްޕެކްށަން ކުރިއަށް ގެންދެވޭނީ ވެރިފަރާތުގެ ހުއްދައާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުންނެވެ. އިންސްޕެކްށަން ކުރިއަށްދާއިރު، ތަނުގެ ވެރިފަރާތް ނުވަތަ އެފަރާތުން ކަނޑައަޅާ މީހަކު ހާޒިރުވެ ހުންނަންވާނެއެވެ.

އިންސްޕެކްށަންގެ ތެރޭގައި ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަންކަން އިސްލާހުކުރުމަށް ގިނަވެގެން 6 މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އެހެންނަމަވެސް، އާންމު ސިއްހަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ.

އިންސްޕެކްށަން ނިމުމުން، ރަސްމީ ބަންދުނޫން 7 ދުވަހުގެ ތެރޭގައި ފުރިހަމަ ރިޕޯޓެއް ތައްޔާރުކޮށް، އެ ތަނަކާ ހިއްސާކުރަންޖެހެއެވެ. މި ރިޕޯޓުގައި ތަނުގެ މައުލޫމާތާއި، އިންސްޕެކްޓްކުރި ސަބަބާއި، ފާހަގަކުރެވުނު ކަންކަމާއި އަދި އިސްލާހުކުރަންޖެހޭ ކަންކަން ތަފުސީލުކޮށް ހިމަނަންޖެހޭނެއެވެ. ބޯޑަރުތަކާއި ބަނދަރުތަކުގައި ކުރެވޭ އިންސްޕެކްށަންތަކަށް ވަކި ހާއްސަ ލިޔުމެއް ދޫކުރެވޭނެކަމަށް ގަވައިދުގައި ވަނީ ބުނެފަ އެވެ.

މި ގަވާއިދުގެ ދަށުން، އިންސްޕެކްޓަރަކު ގަވާއިދާ ހިލާފުވެއްޖެނަމަ 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ގަވާއިދުގެ 23 ވަނަ މާއްދާގައިވާ ގޮތުން، އިންސްޕެކްޓަރަކު ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފުވެފައިވާކަން ސާބިތުވެއްޖެ ނަމަ، ކުށް ތަކުރާރުވާ ނިސްބަތުން ޖޫރިމަނާގެ އަދަދު އިތުރުވަމުންދާނެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް 5,000 ރުފިޔާ، ދެވަނަ ފަހަރަށް 10,000 ރުފިޔާ، ތިންވަނަ ފަހަރަށް 25,000 ރުފިޔާ، ހަތަރުވަނަ ފަހަރަށް 50,000 ރުފިޔާ އަދި ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު ތަކުރާރުކޮށްފިނަމަ 100,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން އިސްލާހީ ފިޔަވަޅު އެޅުމުގެ ބާރުވެސް އެ އިންސްޕެކްޓަރަކު ވަޒީފާ އަދާކުރާ އިދާރާއަކަށް ލިބިގެންވެއެވެ. އަދި ކަމުގެ ކުޑަބޮޑުމިނަށް ބަލައި، ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން ޖޫރިމަނާ ކުރުމުގެ ފުރިހަމަ އިހުތިޔާރު އޮތޯރިޓީއަށް އޮންނާނެއެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، އިންސްޕެކްޓަރަކާ މެދު ފިޔަވަޅު އެޅުމަކީ އެ ފަރާތެއްގެ އަމަލުގެ ސަބަބުން ގެއްލުން ލިބުނު މީހާއަށް، ބަދަލު ހޯދުމަށް އޮތް ހުރަހެއް ނޫނެވެ. ނަމަވެސް، ހެޔޮ ނިޔަތުގައި ގާނޫނާ އެއްގޮތަށް ރަސްމީ މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފުންގެ މައްޗަށް ދައުވާ ކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ.

އިންސްޕެކްޓަރަކު ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ 15 ދުވަހުގެ ތެރޭގައި އޮތޯރިޓީއަށް ލިޔުމުން ޝަކުވާ ހުށަހެޅޭނެއެވެ. މިފަދަ ޝަކުވާތައް 30 ދުވަހުގެ ތެރޭގައި ބަލައި ގޮތެއް ނިންމަންވާނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: