ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނައިބު ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން، ސިއްރު ވޯޓުގެ ބަދަލުގައި އަތްމައްޗަށް ނަގައިގެން ފާޅުގައި ކުރިއަށްގެންދިއުމަށް ނިންމުމާ ގުޅިގެންބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ.
އިތުބާރު ހުރި މަސްދަރުތަކުން ”ސަންގު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިގޮތަށް ނިންމާފައިވަނީ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ހާއްސަކޮށްގެން އެކުލަވާލި 6 މެންބަރުންގެ ކޮމިޓީންނެވެ. މި ހުށަހެޅުން ކޮމިޓީއަށް ހުށަހެޅުއްވީ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމްކަމަށް މައުލޫމާތު ލިބެއެވެ.
އިންތިހާބީ ކަންކަން ބެލެހެއްޓުމަށް އެކުލަވާލި މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
– ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން
– ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
– ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
– މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މުހައްމަދު
– ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު
– ނިލަންދޫ ދާއިރާގެ މެމްބަރު މެމްބަރު ފާތިމަތު ސައުދާ
މި ނިންމުމާ މެދު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ، ޝުޖާއު އަދި ސައުދާ އަކީ އިންތިހާބުގައި ނައިބު ރައީސްކަމަށް ވާދަކުރައްވާ ބޭފުޅުންނަށް ވާތީއެވެ.
ވާދަވެރި އިންތިހާބެއްގައި، އިންތިޚާބު އިންތިޒާމުކުރާ ކޮމިޓީގައި ކެންޑިޑޭޓުން ތިއްބެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. އޭގެ ތެރޭގައި މަގާމަށް ވާދަކުރުމުގެ ޝައުގު ގެންގުޅުއްވާ ބޭފުޅުން ވެސް ހިމެނެ އެވެ.
މިކަމާ ގުޅިގެން ނުރުހުން ފާޅުކުރި ޕީއެންސީގެ މެންބަރަކު ބުނީ، ”އެންމެންވެސް ބަލާނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އަތް ނަންގަވަނީ ކޮން ކެންޑިޑޭޓަކަށްތޯ. ރައީސް އަތްނަންގަވައިފިއްޔާ އެހެން އެންމެންވެސް ނަގާނީ އެ ގޮތަށް. މިއީ ޑިމޮކްރެޓިކް އިޖުރާއަތްތަކާ މުޅިން ހިލާފު ކަމެއް،“ ކަމަށެވެ. އަދި ރައީސް މުއިއްޒު މިއީ އެހެން ޕާޓީތަކަށް ދައްކާ ނަމޫނާއެއް ކަމަށް ވިދާޅުވިޔަސް، މިއީ ޑިމޮކްރަސީގައި އޮންނަ ހަމައެއް ނޫން ކަމަށާއި، މިއީ ”ޖޯކެއް“ ގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
ޕީއެންސީގެ ގިނަ އާންމު މެންބަރުން ދެކޭގޮތުގައި، ސިއްރު ވޯޓުގެ ބަދަލުގައި އަތްމައްޗަށް ނަގައިގެން ވޯޓުލާން ނިންމުމަކީ އިންސާފުވެރިކަމެއް ނެތް، ހުދުމުހުތާރު ނިންމުމެކެވެ. މިކަމުގެ ސަބަބުން މެންބަރުންނަށް މިނިވަންކަމާއެކު ވޯޓުލުމަށް ހުރަސް އެޅި، ވަކި ބައެއްގެ ނުފޫޒު އިންތިހާބަށް ވަންނާނެ ކަމުގެ ބިރު އޮތްކަމަށް ބުނެ މެންބަރުން ދަނީ މާޔޫސްކަން ފާޅުކުރަމުންނެވެ.

